ޖުމްލަ ފަސް ޓީމް ބައިވެރިވާ ގައުމީ ދެ ވަނަ ޗެސް މުބާރާތް ރޭ ފަށައިފި އެވެ.

ކުޅިވަރު އެކުއެނީގެ ދެ ވަނަ ފަންގި ފިލާގައި ރޭ ފެށި މިމުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ޑީއެކްސް އާއި ވެލެންސިޔާ އާއި މިލަދޫ ސްޕޯޓްސް އާއި ކުލަބް ގާމަގު، އަދި މިލަދޫ އިސްދަރިވަރުންގެ ޖަމްއިއްޔާ އެވެ.

ޗެސް ފެޑެރޭޝަންގެ ރައީސް ނޫޙު އަލީ ވިދާޅުވީ، މުބާރާތުގައި ޖުމްލަ ފަސް ޓީމް ވާދަކުރާ އިރު، ކޮންމެ ޓީމަކުން ވެސް މުބާރާތުގައި ވާދަކުރަނީ ތިން ކުޅުންތެރިން ކަމަށެވެ. އެގޮތުން ރޭ މުބާރާތް ފަށާފައިވާ އިރު ބައެއް ޓީމްތައް ދެ ރައުންޑް ކުޅެފައިވީ ނަމަވެސް އަނެއްބައި ޓީމްތައް ރޭ ކުޅެފައި ވަނީ އެއް ރައުންޑެވެ.

ނޫހު ވިދާޅުވީ، މުބާރާތުގެ ކުޅުންކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓީމެއް ވެސް، ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. އަދި ދެ ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ރަނަރަޕްކަން ލިބޭ ގޮތަށެވެ.

މުބާރާތުގައި ނުކުޅެ ހުރި މެޗްތައް މިރޭ 8:15ގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.