މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން 24 ގަޑިއިރުތެރޭގައި ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ 15 ޑިސެމްބަރުވީ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން 16 ޑިސެމްބަރުވީ އާއްދިތަ ދުވަހުގެ ހަވީރު 4 އާ ހަމައަށް ކުރި މަސައްކަތުން ތަފާތު އެކި އެކި މައްސަލަތަކުގައި ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ބުނީ އެ އޮޕަރޭޝަންގައި އެ މުއްދަތުގެ ތެރޭގައި މާލެތެރެ ޕެޓްރޯލްކޮށް ރަށުތެރެ ބެލެހެއްޓުމަށް ކުރި މަސައްކަތުން 359 މީހަކާއި ސުވާލުކޮށް ނަސޭހަތްތެރިވެފައިވާ އިރު އެކި އެކި މައްސަލަތަކުގެ ތުހުމަތުގައި 13 މީހެއްގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ޗެކްޕޮއިންޓްތައް ގާއިމްކޮށްގެން ޖުމްލަ 383 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މާލެތެރެ ޚާއްސަ ގޮތެއްގައި ބެލެހެއްޓުމަށް ފުލުހުން ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދާ އިރު މި ޑިސެމްބަރު މަހުގެ 15އިން 16އަށް ފުލުހުންނަށް ރިޕޯޓްކުރެވިފައި ވަނީ ވައްކަމުގެ އެއް މައްސަލައަކާއި ފޭރުމުގެ އެއް މައްސަލައަކާއި އެކްސިޑެންޓުގެ ތިން މައްސަލަ އާއި މަސްތުވާތަކެތީގެ އެއް މައްސަލައަކާއި އެހެނިހެން ހަތް މައްސަލައެކެވެ." ފުލުހުން ބުންޏެވެ.

އަދި ބުނީ އެ އޮޕަރޭޝަންގެ ދަށުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ޗެކް ޕޮއިންޓްތައް ޤާއިމްކޮށް ވެހިކަލްތައް ބަލައި ފާސްކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް މަގުމަތީގައި އެއްޗެތި ދުއްވުމަށް ބާރު އެޅުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ މީސްމީހުންނާއި ސުވާލުކުރުމާއި ގްރޫޕް ހަދައިގެން މަގުމަތީގައި ހަރަކާތްތެރިވާ ފަރާތްތައް ހުއްޓުވާ ސުވާލުކުރަމުން ގެންދާކަމަށް ބުންޏެވެ.

މާލެތެރެ އަމާންކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ އިރު އަފުރާޝީމްގެ މަރުގެ މައުލޫމާތް ދެއްވުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒް ވިދާޅުވީ މި ގައުމުގައި ކުށްކުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށާއި މިގައުމުގައި ކުށްކުރާ މީހުންނަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.