18 Dec 2012, 12:00
ޓޫރިސްޓުން ގޮތުގައި އިންޑިއާއަށްދާ ދިވެހިން ނޫން މީހުން އިންޑިއާ އަށް ދިއުމުގައި ބޭނުންވާ ވިސާ ހޯދައިގެން އިންޑިއާ އަށް ދިއުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ނެެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޓޫރިސްޓުންގެ ގޮތުގައި އިންޑިއާ އަށްދާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެެރައިވަލްގައި 90 ދުވަހުގެ ވިސާއެއް ލިބޭނެ ކަމަށާއި އެނޫން ބޭނުމެއްގައި އިންޑިއާ އަށް ދަތުރުކުރާ ނަމަ ކަނޑައެޅިފައިވާ ކެޓެގަރީއެއްގެ ވިސާ ނަގަން ޖެހޭނެ ކަމަށެވެ.
އިންޑިއާ އަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ޓޫރިސްޓެއްގެ ގޮތުގައި އެގައުމަށް ދަތުރުކުރާ ދިވެހިން ފިޔަވައި އެހެން ފަރާތްތަކުން އާއިލީ އެކި އެކި ބޭނުންތަކަށާއި ބޭސްފަރުވާ އަށާއި ވިޔަފާރި އަށް ނުވަތަ ރަސްމީކަންކަމުގައި އިންޑިއާ އަށްދާ ނަމަ "ފެމިލީ ވިސާ"، "މެޑިކަލް ވިސާ"، "ބިޒަނަސް ވިސާ،" ނުވަތަ "އޮފިޝަލް ވިސާ" ނަގަން ޖެހޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާއަށްދާ ދިވެހިންގެ ތެރެއިން ޓޫރިސްޓުންގެ ގޮތުގައިދާ މީހުން ނޫން މީހުން އިންޑިއާ އަށް ދިއުމަށް ބޭނުންވާ ވިސާ ނަގަން ޖެހޭ ގޮތަށް އެގައުމުން ހަމަޖައްސާފައިވާ އިރު އެފަދަ ވިސާތައް ދޫކުރުމަށް އެއް ހަފުތާގެ މުއްދަތެއް ހޭދަވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.