ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންްޓްރޯލް ކުރުމަށް ފުލުހަކު މަސައްކަތް ކުރުމުގެ ތެރޭގައި އެ ސައިކަލުން ގޮސް މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާ މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލާނެ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.

އެ ހާދިސާގައި މަރުވި ސ. ހިތަދޫ ރަތްފުސްގޭ، އުމުރުން 43 އަހަރުގެ އަބްދުﷲ ގާސިމް އިބްރާހީމްގެ އާއިލާގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަައާ ގުޅިގެން ކޮމިޝަންގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ ވަރަށް ފަހުން ކަމަށާއި ފުލުހުންގެ އެ ތަހުގީގަކީ އެކޮމިޝަންގެ ތަހުގީގަށް ވަރަށް ބޮޑު ބައެއް ހިއްސާކުރާނެ އެއްޗެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގުގައި ބަލަންޖެހޭ އެއް ކަމެއް ފުލުހުންގެ ތަހުގީގުގައި އެއްވެސް އިހުމާލެއް ވޭތޯ ބެލުން. އެބައި ބަލަައި ނިމުނީމާ ކޮމިޝަނަށް އެކަމާ މެދު ގޮތެއް ނިންމޭނީ. އަޅުގަނޑުމެން ބަލަންޖެހެނީ އެ މައްސަލަ ތަހުގީގު ކުރި އިރު ނުވަތަ އެ ހާދިސާ ހިނގި އިރު ވެސް އެކަމުގައި ފުލުހުން އެއްވެސް ވަރަކަށް އިހުމާލެއް ވެފައިވޭތޯ،" ވަހީދު ވިދާޅުވި އެވެ.

ސައިކަލަކުން ޖެހި އެ ހާދިސާގައި ގާސިމް މަރުވި މައްސަލާގައި އޭނާގެ އާއިލާ އިން ފުލުހުންގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އަންނަ އިރު އެ މައްސަލާގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ދެ މީހެއްގެ މައްސަލަ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ފޮނުވައިފަ އެވެ.

ގާސިމް މަރުވި ހާދިސަގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހަޅާފައި ވަނީ އ. ގެމަނަފުށީ ނޫރުއްސަބާހް އަހުމަދު ނާދީ ސަލީމް، 21 އާއި 17 އަހަރުގެ ކުޑަކުއްޖެއްގެ މަައްސަލަ އެވެ.

އެ ހާދިސާ ހިނގީ ހ. ޓްވައިލެޓްރިވަރީގޭ ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގުމަށް އެ ދެ މީހުން ބާރު ސްޕީޑުގައި އެ ސައިކަލް ދުއްވާފައި ގޮސް، ބޮންޑްސްޓްރީޓް ފިހާރަ ކައިރީގައި މަޑުކޮށްގެން ހުރި ބިދޭސީއެއްގެ އަތުގައި އޮތް ނޮކިއާ ބްރޭންޑްގެ ފޯނެއް ފޭރިގަނެގެން ފުލުހުނަނަށް ފިލަން ދުއްވަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.