18 Dec 2012, 10:44
އެލައިޑް އިންޝުއަރެންސްގެ 2013 ވަނަ އަހަރުގެ ކަލަންޑަރަށް ބޭނުންވާ ކުރެހުންތައް ހޯދުމަށް ކިޔަވާ ކުދިނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުން ވަނަވަނަ އަށް ދިޔަ ކުދިން ހޮވައިފި އެވެ.
އެލައިޑް އިންޝުއަރެންސް އިން ބުނީ "ކަލަންޑަރު ޑިޒައިން ކޮންޓެސްޓް"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުން މިއަންނަ އަހަރުގެ ކަލަންޑަރަށް ބޭނުންކުރާ 12 ކުރެހުން ކުރަހާފައި ވަނީ މ. ސުޕޮޓް ލައިޓް އަހުމަދު އައިހަމް އިސްމާއިލް އާއި މއ. ހިޒާރު އަހުމަދު ރަފްހާން ރިޔާޒް އާއި މ. ހުދުހުދާގެ އައިޝަތު ޝައުފާ ޝަފީގްގެ އިތުރުން ގ. ފިޔާތޮށިގެ އައިޝަތު ޒަކާ ޒާހިރު ކަމަށެވެ. އަދި މީގެ އިތުރުން މ. ލައިލަކް އައިމިނަތް އަފާ އާއި ހ. ރަންފަޅޯގެ ފާތުމަތު ޝައިލަން އަފްޒަލް އާއި ގ. ވައިޓް ކުލައުޑް އިސްމާއިލް ރަޔާން ހިމެނޭ އިރު ހ. އަރޯމާ ވިލާ މާން އަބުދުﷲ އާއި މއ. ރަދެބައިގެ މަރިޔަމް އަލާނިއްޔާ އާއި މ. ދިލާވޭސް ޝައުލާން ޝަފީގްގެ އިތުރުން ގ. ކެރެފާގޭ ޒަކްވާން އާސިމް އާއި ސ. ފޭދޫ އޯކިޑްމާގެ އައިޝަތު އަޒަލް އަލީ ޒާހިރު ހިމެނޭ ކަމަށެވެ.
އަދި ބުނީ ނޭޝަނަލް ސެންޓަ ފޯދި އާޓްސް އާއި އެޑިއުކޭޝަން ޑިވްލޮޕްމަންޓް ސެންޓަރު ގުޅިގެން ކުރިއަށްގެންދިޔަ އެ މުބަރާތުން ހޮވުނު 12 ކުރެހުން މިއަންނަ އަހަރުގެ އެލައިޑްގެ ކަލަންޑަރުގައި ޖެހުމުގެ އިތުރުން އެ12 ކުރެހުންކުރެހި 12 ކުދިނަށް "ގޫގުލް ނެކްސަސް 7"ގެ ޓެބްލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެލައިޑުން ބުނީ އެފަދަ މުބާރާތެއް ކިޔަވާ ކުދިނަށް ހުޅުވާލައިގެން ބޭއްވުމުގެ މަގުސަދަކީ ކުޑަކުދިންނަކީ ދުރަށް ވިސްނާ ބަޔަކަށް ހެދުމާއި އެ ކުދިންގެ ހުނަރު އާއްމުންނަށް ދައްކާލުން ކަމަށެވެ.