18 Dec 2012, 10:42
ސްޕެނިޝް ލަލީގާގެ ތަށި ރެއާލް މެޑްރިޑަށް ދިފާއުކުރުމަކީ ވަރަށް ނާދިރުކަމެއް ކަމަށް އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލަލީގާގެ 19 ވަނާގައި އޮތް އެސްޕަންޔޯލްއާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރެއާލް ކުޅުނު މެޗް 2-2 ލަނޑުން އެއްވަރުވުމާ ގުޅިގެންން، ކޯޗް މޮރީނިޔޯ ބުނީ މެޗުން އެއްވަރު ވުމުން ކުރިން ކުރަމުންއާ އުންމީދުތައް ފެޔަށް ޖެހިއްޖެ ކަމަށާއި އެހެން ކަމުން މިފަހަރުގެ ތަށި ރެއާލް އަށް ދިފާއު ކުރުން ވެގެން ދާނީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި ކަމަށެވެ.
"ކުރިއަށް ކުޅެންޖެހޭ މެޗުތަކުން ވެސް ޓީމުގެ އަސްލު ފެންވަރު ދެއްކުން ވަރަށް މުހިންމު. މިހާރު މިކުޅޭ ގޮތަށް ކުޅެގެން ލަލީގާގެ ތަށި ދިފާއު ކުރުމަކީ ވަރަށް ނާދިރު ކަމެއް. މިމެޗުން އެއްވަރު ވުމުން އަހަރެން އެންމެ ބޭނުންވި ލަނޑުދަނޑި ވެސް ހާސިލް ނުވެގެން މިދިޔައީ،" މޮރީނިޔޯ ބުންޏެވެ.
އެންމެ ފަހުގެ ލަލީގާގެ ތަށި ވެސް ރެއާލްއަށް ކާމިޔާބު ކޮށްދިން ކޯޗް މޮރީނިޔޯ ބުނީ، މެޗް ނިމެން ދަނިކޮށް އެސްޕަންޔޯލްއިން ދެ ލަނޑު ޖަހާ އެއްވަރު ކުރުމުން މިހާތަނަށް ރެއާލްއާ މެދު ކުރަމުންއާ ފޮނި އުންމީދުތަކުގެ މަތިން ފޫހިވި ކަމަށެވެ. އެހެންނަމަވެސް އެމެޗުގައި ކުޅުންތެރިނަށް ހެދުނު ގޯސްތައް ކުރިއަށް ހުރި މެޗުތަކުގައި ނެހެދުމަށް މިހާރު ވާނީ ވަރަށް ސީރިއަސްކަމާ އެކު އަންގާފައި ކަމަށް މޮރީނިޔޯ ބުންޏެވެ.
އެސްޕަންޔޯލްއާ ދެކޮޅަށް ރެއާލް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކްރިސްޓިއާނޯ ރޮނަލްޑޯއާއި ފަބިއޯ ކޮންޓްރާއޯގެ ދެ ލަނޑާ އެކު މެޗުގެ ލީޑް ރެއާލްއިން ނަގައިފައި ވަނިކޮށް، އެސްޕަންޔޯލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި އެ ޓީމުގެ ސާޖިއޯ ގާސިއާއާއި ޖުއާން އަލްބިން ޖަހައިދިން ދެ ލަނޑުންނެވެ.
އެސްޕަންޔޯލް އަތުން ރެއާލް އެއްވަރު ވުމުން ތާވަލްގައި އެ ޓީމް އޮތީ 33 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. އަދި ތާވަލްގެ އެއް ވަނަ މަގާމްގައި 46 ޕޮއިންޓާ އެކު ވާދަވެރި ބާސެލޯނާ އޮތްއިރު، ތާވަލްގެ ދެ ވަނަ މަގާމްގައި އޮތީ 37 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ.