18 Dec 2012, 10:39
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ބުރުގެ ދެވަނަ މެޗުގައި ރޭ ޓީ-ރެކްސް އާއި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) ބައްދަލުކުރި މެޗު ޓީ-ރެކްސް ބާސްކެޓްބޯޅަ ޓީމު ކާމިޔާބުކޮށްފި އެވެ.
ޓީރެކްސް އިން ޑީއެސްސީގެ މައްޗަށް ރޭ ކާމިޔާބު ހޯދީ 101 ޕޮއިންޓް 90 ޕޮއިންޓުން ނެވެ. މި މެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 28 ޕޮއިންޓް ހޯދި އެކަސޯމީ ކްރިސްޓޮފާ އެވެ. އަދި މެޗުގައި ޑީއެސްސީ އަށް އެންމެ ގިނަ ޕޮއިންޓް ހަމަކޮށް ދިނީ 43 ޕޮއިންޓް ހޯދި މަމްސިލޯ ލެޓިނޯވިޗް އެވެ. ޒުވާނުންގެ މަރުކަޒުގައި ކުޅެވުނު ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ލެޓިނޯވިޗް އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ މެޗެއް ދެން އޮންނާނީ މާދަމާރޭ ނުވައެއް ޖަހާއިރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޓީ-ރެކްސް އާއި ހަރިކޭން އެވެ.
މީގެ އިތުރުން މިރޭ ނުވައެއް ޖަހާއިރު، 32 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ފައިނަލް މެޗު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފައިނަލުގައި ވާދަކުރާނީ ގުޑީސް އާއި ޓީ-ރެކްސް އެވެ.