ހަނދާ ބެހޭ ދިރާސާތައް ކުރުމަށް ހަނދުގެ އޯބިޓްގައި ދައުރުކުރުމަށް، އެމެރިކާގެ ނެޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާއިން) އިން ފޮނުވާފައިވާ ދެ އުޅަނދު ހަނދަށް ވެއްޓިއްޖެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ނާސާއާ ހަވާލާދީ އޭއެފްޕީން މިއަދު ބުނީ ޖައްވީ ދެއުޅަނދު ހަނދަށް ވެއްޓުނީ ހަނދުގެ ސަތަހައަށް ވުރެ އެތައް މޭލެއްގެ މަތީގައި އެތައް މަހެއް ވަންދެން ދައުރުކުރުމަށް ފަހުގައި ކަމަށެވެ.

"ޑަބްޑް އެބް" އާއި "ފްލޯ"ގެ ނަންދީފައިވާ ނާސާގެ ކުޑަކުޑަ ދެ އުޅަނދު ވެއްޓުނު ސަރަހައްދަށް ނަން ދިނުމަށް ހަމަޖެހިފައި ވަނީ ޖައްވަށް ދިޔަ އެމެރިކާގެ ފުރަތަމަ އަންހެނާ ކަމަށްވާ ސެލީ ރައިޑްގެ ނަމުން ކަމަށް ނާސާއިން ބުންޏެވެ.

ނާސާ އިން ބުނީ ދެ އުޅަނދު ވެއްޓުނީ އެ ދެ އުޅަނދު ވެސް ހަނދާ ވަރަށް ކައިރިވެފައި، އަދި ތެޔޮ މަދުވެފައިވަނިކޮށް ކަމަށާއި ވެއްޓުނު ވަގުތު ވެއްޓުނު ސަރަހައްދު އޮތީ އަނދިރީގައި ކަމުން ވެއްޓުނު ވަގުތު ފޮޓޯ ނެގިފައި ނުވާ ކަމަށެވެ. އަދި ބުނީ ވެއްޓުމުގެ ކުރިން އެ ދެ އުޅަނދުން ހަނދުގެ ސަތަހައިގެ 115،000 ފޮޓޯ ފޮނުވާފައިވާ ކަމަށެވެ.

އަދި އެފޮޓޯތައް ބޭނުންކޮށްގެން އުފައްދާފައިވާ ހައި ރިޒޮލިއުޝަން ގްރެވިޓީ މެޕަކީ އެފަދަ އުޅަނދެއް ބޭނުންކޮށްގެން މިހާތަނަށް އުފައްދާފައިވާ އެންމެ ރަނގަޅު މެޕް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އަދި ބުނީ ގަލުން އުފެދިފައިވާ ބިން ފަދަ ޕްލެނެޓްތައް އުފެދިފައިވާ ގޮތް ދެނެގަތުމަށް އެމެޕް ގެ ބޭނުންކޮށްގެން ރަނގަޅު މައުލޫމާތުތަކެއް ލިބިގަނެވޭނެ ކަމަށެވެ.

ދެއުޅަނދުން އެއްކުވެރިފައިވާ މައުލޫމާތު ދިރާސާކުރުމަށް އަހަރުތަކެއް ހޭދަވާނެ ކަމަށް ވެސް ނާސާއިން ބުންޏެވެ.