ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ޒެމްބިޔާ ޓީމްގެ ކެޕްޓަން ކްރިސްޓޮފާ ކެޓަންގޯ، 30، ހޮވައިފި އެވެ.

ކެޓަންގޯ އަށް މި އެވޯޑް ލިބުނީ ޝޯޓްލިސްޓް ކުރެވުނު ފަސް ކުޅުންތެރިންގެ ތެރެއިން އައިވަރީ ކޯސްޓުގެ ޑިޑިއެ ޑްރޮގްބާ، 34، ހަމަ އެ ޓީމުގެ ޔާޔާ ޓޫރޭ، 29، މޮރޮކޯގެ ޔޫނުސް ބިލްހަންދާ، 22، އަދި ސެނެގާލްގެ ޑެމްބާ ބާ،27 އާއި ވާދަކޮށް ވޯޓުދިން މީހުންގެ 40 ޕަސެންޓް ވޯޓު ކާމިޔާބުކޮށްގެން ނެވެ.

ޝޯޓްލިސްޓު ކުރި ހުރިހާ ކުޅުންތެރިންނަކީ ވެސް އެކުޅުންތެރިންގެ ޓީމުތަކާ އެކު އަހަރު ދުވަހުގެ ތެރޭގައި ޓްރޮފީއެއް ހާސިލްކޮށްފައިވާ ފަހުރުވެރި ކުޅުންތެރިންތަކަކަށް ވާހިނދު މީގެ ތެރެއިން ވެސް އެފްރިކާގެ ފުޓްބޯޅަ ފޭނުން އެންމެ ޝަރަފުވެރި ކުޅުންތެރިއަކަށް މިފަހަރު ހޮވާފައި މިވަނީ ކެޓަންގޯ އެވެ.

"މިއީ އަހަރެންގެ ހަޔާތުގައި އުފާވެރި ވަގުތެއް. އަހަރެންނަށް ވޯޓުދިން އެންމެނަށް ޝުރުކު އަދާކުރަން. މިއީ އަހަރެންގެ ހަޔާތުގައި ހަނދާން ނެތިގެން ނުދާނެ ކަމެއް،" ބީބީސީ ސްޕޯޓްސްގައި ކެޓަންގޯ ބުންޏެވެ.

"އަހަންނަށް ހީވަނީ އެ މީހުން (ފޭނުން) އެންމެ ބޮޑަށް އަހަރެންނާ ގަޔާވީކަމަކީ އަހަރެންގެ އަހުލާގާއި ވަރުގަދަ އަޒުމް. އެއްދުވަހު މެޗަކުން ބަލިވިޔަސް އަނެއްދުވަހު ވެސް ހިތްވަރު ކޮށްލާފައި ކުޅެންދާ ފަދަ ކުޅުންތެރިއެއް ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭތީ ކަންނޭގެ އެމީހުން އަހަރެންނަށް ވޯޓު ދިނީ،" ކެޓަންގޯ ބުންޏެވެ.

ކެޓަންގޯ ބުނީ މިކަމުގައި އެންމެ ހިންހަމަޖެހުނު ކަމަކީ، އޭނާ ފުޓުބޯޅައަށް ޓަކައި ކުރަން ޖެހޭ ހުރިހާކަމެއް އެންމެ ފުރިހަމައަށް އަދާ ކުރުމުން މީސްތަކުން އެކަން ބަލައިގެންފައި ވުން ކަމަށެވެ.

"އަހަރެންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރެވޭތޯ ބެލިން އަދި މީސްތަކުން އެކަން ބަލައިގެންފި. އެއީ އަސްލު މީގައި އެންމެ ހިތްހަމަ ޖެހޭ ކަމަކީ" ކެޓަންގޯ އިތުރަށް ކިޔައި ދިނެވެ. "މި އެވޯޑް ހާސިލު ކުރި މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނުމުން އަހަރެން ނިދާލާނީ މޫނު މައްޗަށް ހިނިތުންވެރިކަން ގެނުވައިގެން" މި އަހަރުގެ އެވޯޑު ހާސިލު ކުރި ކެޓަންގޯ އުފަލުން ހުރެ ކިޔައި ދިނެވެ.

މީގެ ކުރިން އެފްރިކަށް ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑް ޙާޞިލް ކޮށްފައިވާ ކުޅުންތެރިންނަކީ:

2011- އެންޑްރޭ އަޔޫ (މާސޭ، ގާނާ)
2010- އަސަމޯ ގިޔާން (ސަންޑަރލޭންޑް، ގާނާ)
2009- ޑިޑިއެ ޑްރޮގްބާ (ޗެލްސީ، އައިވަރީ ކޯސްޓް)
2008- މުޙައްމަދު އަބޫތުރިކާ (އަލް އަހްލީ، މިސްރު)
2007- އެމަނުއެލް އަޑެބަޔޯ (އާސެނަލް، ޓޯގޯ)
2006- މައިކަލް އެސިއަން (ޗެލްސީ، ގާނާ)
2005- މުޙައްމަދު ބަރަކަތު (އަލް އަހްލީ، މިސްރު)
2004- ޖޭޖޭ އޮކޮޗާ (ބޮލްޓަން، ނައިޖީރިއާ)
2003- ޖޭޖޭ އޮކޮޗާ (ބޮލްޓަން، ނައިޖީރިއާ)
2002- އަލް ހާޖީ ޑިއޯފް (ލިވަރޕޫލް، ސެނެގާލް)
2001- ސެމުއެލް އޮސެއި ކުއްފޫރު (ބަޔާން މިއުނިކް، ގާނާ) އަދި
2000- ހެންރީ ޕެޓްރިކް މްބޯމާ (ޕަރމާ، ކެމަރޫން) --ބީބީސީ ސްޕޯޓްސް--