ހައްޔަރުކުރި ނަމަވެސް، މުދާ ނީލަންކީ ކަމުގައި ވިޔަސް، އަބުރާއި އިއްޒަތް ނަގާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އަޒުމް ގުޑުވައިނުލެވޭނެ ކަމަށް ޑީއާރުޕީގެ އާ ޒައާމަތާ ހަވާލުވެވަޑައިގެން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވި އެވެ. ތަސްމީން ޑީއާރުޕީގެ ލީޑާޝިޕާއި ހަވާލުވެވަޑައިގެންނެވީ ޕާޓީގެ ކައުންސިލްގެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދަވައިގެންނެވެ. ޕާޓީގެ ފިކުރާއި ޕާޓީގެ ނިންމުންތަކާއި އެކު ރައްޔިތުންގެ ވިންދާ އެކު މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައި އެޕާޓީގެ މެމްބަރުން ތަސްމީން ބަލައިގަތެވެ. އެކަން އެޕާޓީގެ ބަނޑުން އުފަންވި ޕީޕީއެމް ވުޒޫދަށް އައުމާ އެކު ހާމަވި އެވެ. ޕާޓީގެ މެމްބަރުންގެ އަދަދަށް މާބޮޑު ފަރަގެއް އޭރަކުވެސްނަ އެވެ.

ޑީއާރުޕީގެ އާ ލީޑާޝިޕާ އެކު ތަސްމީން ގެންދެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް އަޑު އުފުއްލަވައި ރައްޔިތުންގެ ހައްގުތައް ހޯދައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ޕާޓީގެ ތެރެއިންވެސް ގިނަ މަަސައްކަތްތަކެއް ކުރައްވަމުންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާނޫނާ ގަވާއިދާ ހިލާފަށް ކުރަމުން ގެންދިޔަ ގިނަ ކަންތައްތަކެއް ހުއްޓުވުމަށް އޭރު އޮތް ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާ އެކު ތަސްމީން ނިކުންނެވި އެވެ.

ޑީއާރުޕީގެ އާ ޒައާމަތަށް ފަހު ކަރަންޓް ސަބްސިޑީ ހޯދުމަށް އެ ޕާޓީން އިންތިޒާމްކޮށްގެން ބޭއްވި މުޒާހިރާ އިން ފެށިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާއި ދެކޮޅަށް ސިޔާސީ ފަރާތްތަކާ އެކު ނުކުމެ ވަޑައިގަތެވެ. މީގެ އިތުރުން ދީން ހިމާޔަތް ކުރުމަށް ބޭއްވި ބޮޑު މުޒާހަރާ އަދި މަހާސިންތާގެ އިތުރުން ރައީސް ނަޝީދު ގާނޫނާއި ހިލާފަށް ކުރައްވަމުން ގެންދެވި ކަންތައްތަކެއްގެ ސަބަބުން ވެރިކަން ބަދަލުކުުރުމަށް އިދިކޮޅު ފަރާތްތަކާ އެކު ކުރީ ސަފުގައި ތަސްމީން ވެސް ހުންނެވި އެވެ.

ގައުމާއި އިސްލާމް ދީނަށްޓަކައި ކުރަމުންދާ މަސައްކަތުގައި އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ސިޔާސީ ހިޔާލުތަފާތުވުމެއް ނޯންނާނެ ކަމަށް ތަސްމީން ވަނީ ވިދާޅުވެފަ އެވެ.

ތަސްމީން ދެއްވި އެ ޔަގީންކަމާ އެކު ތަސްމީންގެ ފަހަތުގައި ޑީއާރުޕީ ދިފާއުކޮށްގެން ތިބި އާއްމު މެންބަރުންނަށް ކުއްލި ހައިރާން ކަމެއް ގެނެސްދިނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ޑީއާރުޕީން ތްރީލައިން ވިޕެއް ނެރެ އެމްޑީޕީއާ އެއްކޮޅަށް ތަސްމީނާ އެކު ޑީއާރުޕީން ދިން ވޯޓާ އެކުގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އެ މައްސަލަ ވެއްދީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު ބަދަލުކުރުމަށް ކަމުގައިވާއިރު އެމްޑީޕީއާ އެއްކޮޅަށް އެވޯޓްގައި ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 14 މެމްބަރުންގެ ތެރެއިން ތަސްމީނާ އެކު އެޕާޓީގެ އަށް މެމްބަރުން ވޯޓް ދެއްވި އެވެ.

އެމްޑީޕީން ބޭނުންވާ ގޮތަށް އެވޯޓް ފާސްކުރުމަށް ޑީއާރުޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.

މައުސޫމް ވިދުވި ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރަން ޑީއާރްޕީގެ މެންބަރުން ވޯޓް ދެއްވީ ސަރުކާރާ ދެކޮޅަށް ނޫނެވެ.

"މަޖިލީހުން ފާސް ކުރި ކުރުމަކީ ވަކި ސަރުކާރަކާ ޖައްސާލައިގެން ފާސްކުރި ކުރުމެއް ނޫން. އެއީ މި [ޕާލަމެންޓްރީ] ނިޒާމަށް ގެނައި ބަދަލެއް. އަޅުގަނޑުމެން މި ބަދަލު ގެނައިއިރު އެބަ އިނގޭ 2013 ގައި ސަރުކާރު ބަދަލުވެގެން އެހެން ސަރުކާރެއްކަން އޮންނާނީ ހަމަ މި ދުސްތޫރުކަން ހިނގާނީ،" މައުސޫމް ވިދާޅުވި އެވެ.

ޑީއާރުޕީގެ އެނިންމުމާ ގުޅިގެން އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ ކަޑިތީމު ދާއިރާގެ މެންބަރު މުހަންމަދު ހުސެއިން އާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އެޕާޓީން ވަކިވެވަޑައިގަތެވެ. އޭގެ ސަބަބުން އެޕާޓީއަށް މަޖިލިހުގެ ދެގޮނޑި ގެއްލުނެވެ. އަދި ޕާޓީގެ ލީޑާޝިޕާ މެދު އެބޭފުޅުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އަނެއް ކޮޅުން ރައްޔިތުންގެ ވިންދާ އެއްކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށް ފަހު ޑީއާރުޕީން ފަހަކަށް އައިސް އަމަލުކުރަމުންދާ ގޮތުންނާއި ވޯޓް ސިއްރު ކުރި މައްސަލާގައި އިދާރީ ދާއިރާތަކުގެ ކައުންސިލްތަކުގައި ހިމެނޭ ޑީއާރުޕީގެ ގިނަ މެމްބަރުންތަކެއް އެޕާޓީން ދޫކޮށްލާފައިވާ އިރު ޑީއާރުޕީއަށް ކުރިން ބޮޑު ތަރުހީބެއް އޮތް ފުވައްމުލަކު ކައުންސިލްގައި ހިމެނުނު އެޕާޓީ އަށް ނިސްބަތްވާ 14 މެމްބަރުން ވަނީ އެޕާޓީން ވަކިވެފަ އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު ވިދާޅުވި އެވެ؛ ޕާޓީގެ ލީޑަޝިޕުން ނަގާ ޑިސިސަންތަކާއި އެމީހުން އަމަލުކުރާ ސިޔާސަތަކީ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ޑީއާރުޕީގެ ސްލޯގަންއަކީ "ރައްޔިތުންގެ ވިންދު" ކަމުގައިވާއިރު މިހާރު އެސްލޯގަން ހާސިލްވާ ގޮތަކަށް ނޫން އެޕާޓީން އަމަލު ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ކައުންސިލްތަކުގެ މެމްބަރުންނަށް ޕާޓީ ބަދަލު ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ "ޕާޓީ ބަދަލުކުރި ނަމަވެސް ގޮނޑި ނުގެއްލޭނެ" ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ކަމުގައި ވިނަވެސް އެގޮތަށް އެކަންތައް ކުރަން ޖެހުނީ ލީޑާޝިޕްގައި އެފަދަ ގާބިލް ކަމެއް ނެތުމުން ކަމަށް ކައުންސިލްތަކުން ވަކިވަޑައިގެންނެވި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ޑީއާރުޕީން އެވޯޓް ސިއްރު ކުރުމަށް ނިންމި ސަބަބާއި މެދު ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު އެ ވޯޓް ސިއްރު ކުރުމަށް ތާއިދުކޮށް، ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ބަޔާންކޮށްދެވެން ނެތް ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އެމައްސަލާގައި ތަސްމީން ވިދާޅުވީ އެންމެ ފުރަތަމަ އެޕާޓީން މަސައްކަތް ކުރާނީ ސަރުކާރާ ވާހަކަ ދައްކައިގެން އެޕާޓީގެ ޕޮލިސީއާ އެއްގޮތަށް ކަންތައްތައް ގެންދެވޭތޯ ކަމަށާއި ހިޔާލުތަފާތުވެގެން އެކަން ނުކުރެވިއްޖެއް ކަމުގެ ކުޑަބޮޑު މިނަށް ބަލާފައި މުހިންމު ކަންތައްތަކުގައި އެޕާޓީން ތަފާތު ސްޓޭންޑްތައް ނަގާފާނެ ކަމަށެވެ. އަދި މީގެކުރިން ވެސް އެފަދަ ސްޓޭންޑްތައް ނަގާފައި ހުންނާނެ ކަމަށާއި އެއީ މައްސަލައެއް ކަމަކަށް ދެކެވަޑައިގެން ނުގެންނަވާ ކަމަށް ވެސް ތަސްމީން ވަނީ ވިދާޅުވެފަ އެވެ.

އެވޯޓް ސިއްރުކުރުމަށް ޑީއާރުޕީގެ ލީޑާޝިޕިން ނިންމި ސަބަބު ފަރުދާވެފައިވާ އިރު ޕާޓީގެ ލީޑާޝިޕާ މެދު ގިނަ މެމްބަރުންތަކެއް ހިތްހަމަނުޖެހިފައިވާ ކަމާއި ޕާޓީގެ ލީޑާޝީޕާ ހިޔާލުތަފާތުވުންތަކެއް އުޅޭކަން ވަނީ އެނގިގެން ގޮސްފަ އެވެ. މިފަދަ ކަންތައްތަކެއް ޑީއާރުޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އައިއިރު ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އެހެން ކަމުގައިވާއިރު ޑީއާރުޕީގެ ލީޑާޝިޕާ އެކު ކުރިއަށް ވަޑައިގެންނެވުމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވާ ތަސްމީނަށް އަނެއްކާ ވެސް ވަނީ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ސިއްރު ވޯޓުގެ ސިއްރު ކުރުމުގެ ފަހަތުގައިވާ ހަގީގަތްތަކާއި ތަސްމީނަށް ޑީއާރުޕީއާ އެކު ކުރިއަށް ވަޑައިގެންނެވުމުގައި ކިހާ ވަރެއްގެ ގޮންޖެހުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނަވާނެ ބާވަ އެވެ.