މަތީ ތަޢުލީމު ހާސިލް ކުރުމަށް ޓަކައި ރާއްޖޭގެ މުއައްސަސާތަކަށް ވަންނަ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށް މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އާސިމް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސަސް ގްރާންޑް ލޯން ސްކީމް އާއި ޓާޝަރީ ލޯން ސްކީމުގެ ދަށުން މަތީ ތަޢުލީމްގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތަޢުލީމް ހާސިލް ކުރެވެން ހުރި މުއައްސަސާތަކަށް ވަންނަ ކުދިންގެ ނިސްބަތް އިތުރު ކުރެވޭނީ މަތީ ތަޢުލީމު ހާސިލް ކުރުމަށް ޓަކައި އެކަމަށް ބޭނުންވާ ކުދިންނަށް މިފަދަ ލޯންތަކެއް ނުވަތަ ތައުލީމު ހާސިލްކުރުމަށް ޓަކައި އެހީ ލިބޭނެ އިތުރު ފުރުސަތުތަކެއް ތަޢާރަފް ކޮށްގެން ކަމަށެވެ.

"މި ސްކީލް އިފްތިތާހު ކުރެވުނު ދުވަހު ވެސް އަޅުގަނޑު ފާހަގަ ކުރިން ރާއްޖޭގައި މަތީ ތަޢުލީމަށް ހޭދަކުރާ މިންވަރު މިވަނީ ވަރަށް ބޮޑަށް ދަށްވަފައޭ. އާގެ މާނައަކީ މަތީ ތަޢުލީމަށް ހާސިލް ކުރުމަށް ރާއްޖޭގެ މުއައްސަސާތަކަށް ވަންނަ ކުދިންގެ ނިސްބަތް އިތުރު ކުރަން އެބަ ޖެހޭ. އެހެންވީމާ ކުދިންނަށް މިފަދަ ފުރުސަތުތައް ހުޅުވިގެން އެފަދަ މަގުތައް ކުދިންނަށް ފަހިވެގެން ދާނީ. އޭރުން އެންވޯލްމެންޓް ރޭޝިއޯ މައްޗަށް ދާނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު މަތީ ތަޢުލީމްގެ ފުރުސަތު ލިބުނު ކުދިންގެ ސަބަބުން މި ނިސްބަތް އިތުރު ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި ލިބުނު ފުރުސަތުގެ ބޭނުން ކުދިން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަތީ ތައުލީމަށް ހާސިލު ކުރުމަށް ޓަކައި މިރޭ ލިޔުން ހަވާލުކުރި ލޯން ސްކީމަކީ މި އަހަރު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އިފްތިތާހު ކުރި ލޯން ސްކީމެކެވް. އެ ސްކީމްގެ ދަށުން މަތީ ތައުލީމު ހާސިލް ކުރުމަށް ޓަކައި 1000 ކުދިންނަށް ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް އެ ސްކީމްގެ ދަށުން މަތީ ތައުލީމު ހާސިލް ކުރުމަށް ޓަކައި މުޅި ޖުމްލަ ކުރިމަތިލާފައި ވަނީ 526 ކުދިންނެވެ. އެ ހުރިހާ ކުދިންނަށް ވެސް ވަނީ މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ. މީގެ ތެރެއިން 140 ދަރިވަރުންނަކީ ރާއްޖޭގައި ތިބެގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކުދިން ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ. ރާއްޖެ އިން ބޭރުން ތައުލީމް ހާސިލްކުރުމަށް ޓަކައި 384 ކުދިންނަށް ފުރުސަތު ވަނީ ލިބިފަ އެވެ.