އެކި އެކި ގައުމުތަކުގެ ފަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ޑޮލަރު އަތުލަމުންދާ ޓްރެވަލް އެޖެންސީއެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޕީޖީއަށް ފޮނުވާފައި ވަނީ ސެއިލިން ޓްއާސްގެ މެނޭޖިން ޑިރެކްޓަރު ނ. ވެލިދޫ ބަހާރުގޭ އަބްދުﷲ އިބްރާހީމްފުޅުގެ މައްޗަށް ދައުވާ ކުރުމަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ސެއިލިންގް ޓްއާސް ޕްރައިވެޓް ލިމިޓެޑުން ބުކިން ހައްދައިގެން ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމަށް އައި ތުރުކީގެ 24 ފަތުރުވެރިއެއް އެ ކުންފުންޏަށް ދައްކާފައިވާ ފައިސާގެ ތެރެއިން 4800 އެމެރިކާ ޑޮލަރަށް އެ ކުންފުނިން ޚިޔާނާތްތެރިވެފައިވާ މައްސަލައިގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ތުރުކީގެ 24 ފަތުރުވެރިން އެ ކުންފުންޏަށް އެކި ފަހަރު މަތިން 16000ރ. ފޮނުވާފައިވާ އިރު އެ މީހުން ރާއްޖެ އައިއިރު ހަމަޖައްސަން ބުނި ސަފާރީ އަށް އެ ކުންފުނިން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ އެހެންކަމަކަށް ބޭނުންކޮށްފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފަތުރުވެރިން ހަމަޖައްސަން ބުނި ސަފާރީ ހަމަނުޖެހުމުން "ހޭންޑީ ކްރޫޒް" ނަމަކަށް ކިޔާ ސަފާރީއެއް ހަމަޖައްސައި އެސަފާރީއަށް ފައިސާ ދައްކާފައި ވަނީ ފަހުންދޭ ގޮތަށް އެ 24 ފަތުރުވެރިންގެ އަތުން 4800 އެމެރިކާ ޑޮލަރު ނަގައިގެން ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފުލުހުންނަަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެކި އެކި ގައުމުތަކުގެ ދަތުރުވެރިންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން އޭނާ ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަތަރު މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.