އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ކުރިން ހަމަޖެއްސި ޑީއާރްޕީގެ ކޮންގްރެސް މުއްދަތެއް ނެތި ފަސްކޮށްފި އެވެ.

ޑީއާރްޕީގެ މިޑިއާ ކޯޓިނޭޓަރު އަލީ ސޯލިހު މިރޭ ވިދާޅުވީ ކުރިން ކޮންގްރެސް ބާއްވަން ނިންމި ތާރީޚުގައި ކޮންގްރެސް ނުބޭއްވުނީ ކޮންގްރެސް ބާއްވަން އުޅުނު ތަން އެ ޕާޓީ އަށް ނުލިބުމުން ކަމަށެވެ. ނަމަވެސް އެއީ ކޮންތަނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ފަހުގެ ތާރީޚެއްގައި ކޮންގްރެސް ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށާއި ކޮންގްރެސް ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅައި އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ. އަދި ކޮންގްރެސްއާ ބެހޭ ތަފްސީލީ މައުލޫމާތު ފަހުން މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންގްރެސް ފަސް ކުރަން ޖެހުނީ އިންތިޒާމް ކުރަން ބޭނުންވި ތަން ލިބުމުގައި ދަތިތަކެއް ކުރިމަތިވީމާ. ފަހުގެ ތާރީޚެއްގައި ކޮންގްރެސް ބޭއްވުމަށް ޑީއާރުޕީގެ ކައިންސިލް މެންބަރުން މަޝްވަރާކޮށް ވަނީ ނިންމާފައި. ފަހުގެ ތާރީޚެއްގައި މިކަމާ ބެހޭ ތަފްސީލް މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރާނަން،" އަލީ ސޯލިހު ވިދާޅުވި އެވެ.

ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހަަށް ބަހުސް ކުރުމާއި ޕާޓީގައި ހުސްވެފައިވާ މަގާމުތަކަށް ދައުރުގެ ބާކީ އޮތް ބަޔަށް މީހުން ނެގުމުގެ ކަންތައް ވެސް އޮންނާނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެ ޕާޓީގެ ޖުމްލަ މެންބަރުންގެ އަދަދަކީ 25190 އެވެ.