17 Dec 2012, 21:17
އެއް އަހަރު ދުވަހު ރާއްޖެ އަށް ކޮއްތުމީ ނޫޑްލިސް އެތެރެކުރުމަށް ފަހު ރަސްމީ ގޮތުން ރާއްޖެ އަށް ކޮއްތުމީ ނޫޑްލިސް އެތެރެކުރުމަށް ލަންކާގެ ސިލޯން އަގްރީ އިންޑަސްޓުރީ ލިމިޓެޑާއި ރާއްޖޭގެ ނަމްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ނަސަންދުރާ ޕެލަސްހޮޓަލުގައި މިއަދު ބޭއްވި ހަފްލާއެއްގައި ސިލޯން އަގްރީ އިންޑަސްޓްރީ ލިމިޓެޑްގެ ފަރާތުން އެއެގްރިމެންޓްގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ޝަން ޓިއެން ޝިންގް އެވެ. ނަމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝާހިދެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުހައްމަދު ޝާހިދު ވިދާޅުވީ ކޮއްތުމީ އަށް ރާއްޖޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެގޮތުން މީގެ ކުރިން ކޮއްތުމީ އަށް ހުރި ޑިމާންޑްގެ ޑަބަލް މިހާރު ހޯދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮއްތުމީގެ އާ ފުލޭވާތައް ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮއްތުމީ ނޫޑްލީހަކީ ސްރީލަންކާގައި އުފައްދާ ގިނަ ދިވެހިންތަކެއްގެ ތަރުހީބް ހޯދާފައިވާ ނޫޑްލީހެކެވެ. އަދި އެ ނޫޑްލީހުގެ ދެ ފުލޭވާ ކަމުގައިވާ ކޮއްތުމީ ހޮޓް އެންޑް ސުޕައިސީ އާއި ކޮއްތުމީ ހޮޓް އެންޑް ސުޕައިސީ ޗިކަން ރާއްޖެ އަށް މިހާރު ވެސް އެތެރެކުރާ އިރު މިފެށޭ އަހަރު ތެރޭގައި ކޮއްތުމީ ކަޕް ނޫޑްލިސް އެތެރެކުރުމަށް ވަނީ ނިންމާފަ އެވެ.