ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސިޔާސުތަކަށް އެކި ދުވަސްވަރު އައި ބަދަލުތަކާ އެކު މާބޮޑު މަސައްކަތްތަކެއް ނުކުރާ އާ ކުންފުނިތަކެއް އުފެދުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގެ އިސްބޭފުޅުންނާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަހީދު ވިދާޅުވީ ކުންފުނިތަކުގެ ސިޔާސަތަށް އެކިދުވަސްވަރު އެކި ބަދަލު އަންނަމުން އައިސް، ޕްރައިވަޓައިޒް ކުރުމުގެ ސިޔާސަތެއްގެ ދަށުން، އާ ކުންފުނިތައް އުފެދި ޕްރައިވަޓައިޒް ކުރެވުނު ކަމަށާއި، އެ ސިޔާސަތުގެ ދަށުން މާބޮޑެތި މަސައްކަތްތަކެއް ނެތް ބައެއް ކުންފުނިތައްވެސް އުފެދުނު ކަމަށެވެ. އަދި ވިދާޅުވީ އެ ސިޔާސަތު އަލުން މުޠާލިޢާކޮށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ކުންފުނިތަކަކީ ސަރުކާރުގެ މުހިންމު ބައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށާއި ސަރުކާރުގެ ހުރިހާ ކުންފުންޏަކީވެސް ސީއެމްޑީއޭގެ ގަވާއިދަށް ހިނގާ ކުންފުނިތަކަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރައްވާ މަސައްކަތައް ރައީސް ފާހަގަ ކުރެއްވި އެވެ.

"ކުންފުނިތަކުން ރައްޔިތުންނަށްދޭ ޚިދްމަތްތަކަކީ، ދައުލަތުގެ ވަރަށްބޮޑު ބައެއް. ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ދިނުމުގައި ކުންފުނިތަކުން އަދާކުރާ ދައުރު ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކުންފުނިތަކުން ވަނީ ކުންފުނިތައް ހިންގުމުގައި ދިމާވާ ދަތިތައް ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ. އަދި ކުންފުނިތަކުގެ ވިޔަފާރީގެ ސިޔާސަތު ހަރުދަނާ ކުރުމުގެ މުހިންމުކަމާއި އެކަމަށް ކުރައްވާ މަސައްކަތްތައް ކުންފުނިތަކުން ހިއްސާކުރި އެވެ. އެ ބައްދަލުވުމުގައި ނައިބު ރައީސް މުހަންމަދު ވަހީދުއްދީނާއި ކެބިނެޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތް ހިޔާލު ބަދަލުކުރެއްވި އެވެ.