17 Dec 2012, 18:01
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅުމަށް ތައްޔާރު ކުރަމުން ގެންދާ 12 ދަނޑުގެ ތެރެއިން މިހާތަނަށް މަސައްކަތް ނިމުނު ފުރަތަމަ ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.
ބްރެޒިލްގެ ސްޓޭޓެއް ކަމަށްވާ ފޯޓަލޭޒާ ގައި ހަދާފައިވާ "ކާސްޓެލައޯ އެރީނާ" ރަސްމީކޮށް ހުޅުއްވައި ދެއްވީ އެގައުމުގެ ރައީސާ ދިލްމާ ރޫސެފް އެވެ. އެ ދަނޑަކީ 65،000 މީހުންގެ ޖާގައިގެމީހުންގެ ދަނޑެކެވެ. އެ ދަނޑުގެ މަރާމާތު ކުރުމަށް ގާތްގަނޑަކަށް 250 މިލިޔަން ޑޮލަރު ހަރަދު ކޮށްފައި ވެއެވެ.
ވެރިރަށް ރިއޯ ޑި ޖެނީރޯގެ މަހަކަނާ ސްޓޭޑިއަމް ހިމެނޭގޮތަށް ވޯލްޑް ކަޕް މެޗުތަކަށް ބުރެޒިލްގައި ތައްޔާރު ކުރާ ދަނޑު ތަށް ވަގުތަށް ނުނިމި މުބާރާތް ފަސްކުރަން ޖެހިދާނެތީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ" އިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަހަކަނާ ސްޓޭޑިއަމް އާއި ކާސްޓެލައޯ ސްޓޭޑިއަމް އަކީ އަންނަ އަހަރުގެ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ކޮންފެޑެރޭޝަން ކަޕް ބާއްވަން ހަމަޖެހިފައިވާ 6 ތަނުގެ ތެރޭގައި ހިމެނޭ ދެ ސްޓޭޑިއަމް އެވެ.
"މިއީ ފީފާ އަށް ވަރަށް ހާއްސަ ދުވަހެއް. ސަބަބަކީ ފެނިގެން މިދަނީ ކުރިއަށް އޮތް ތަނުގައި ބުރެޒިލް ގައި ބޭއްވޭ ބޮޑު ދެ ރަސްމިއްޔާތެއް. ކޮންފެޑޭޝަން ކަޕާއި ވޯލްޑް ކަޕް" އެ ދަނޑުހުޅުވުމާ ގުޅިގެން ފީފާގެ ރައީސް ސެޕް ބުލެޓާ ވިދާޅުވެފައިވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބުރެޒިލްގެ ރައީސާ ވިދާޅުވީ، ކާސްޓެލައޯ އެރީނާ ހުޅުވުމާއި ކުލަބް ވޯލްޑް ކަޕުގައި އެގައުމުގެ ސައޮ ޕޯލޯގެ ކޮރިންތިއަންސް ހޯދި ކާމިޔާބީން އެނގެނީ ބުރެޒިލަކީ ދަނޑުން ބޭރުގަ އާއި ދަނޑުމަތީގައިވެސް ކަންތައް ކުރެވޭ ބައެއް ކަމަށެވެ.
އަންނަ ހަފުތާގައި ބެލޯ ހޮރިޒޮންޓޭ ގައި މަރާމާތުކޮށް މިހާރު ނިމިފައިވާ މިނެރާއޯ ސްޓޭޑިއަމް ހުޅުވުމަށް ދަނީ ތައްޔާރީތައް ވަމުންނެވެ.
ޑިސެމްބަރު 2012 ގެ ނިޔަލަށް ނިންމަން ޖެހޭ މި މަސަކަތްތައް ނިންމުމަށް ފީފާއިން ވަނީ ބުރެޒިލްގެ ކަމާ ބެހޭ ފަރާތް ތަކަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ މެދާ ހަމައަށް މުއްދަތު އިތުރު ކޮށްދީފަ އެވެ.
ފީފާ ވޯލްޑް ކަޕް ބްރެޒިލް 2014 އަށް ތައްޔާރު ކުރާ 12 ދަނޑުގެ މަސައްކަތް ކުރުމުގެ މަސައްކަތުގެ އެތައް ހާސްބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
އަދި މީގެ އިތުރުން ބުރެޒިލުގެ އެއާޕޯޓް ތަރައްގީ ކުރުމާއި މަގުތަކާއި ދަތުރުފަތުރުގެ ނިޒާމް ވަރުގަދަ ކުރުމާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ހޮޓާތައް ތައްޔާރު ކުރުމުގެ މަސައްކަތަކީވެސް އެގައުމުގެ ބޮލުގައި އެޅިފައިވާ ބުރަ މަސައްކަތެކެވެ.