17 Dec 2012, 17:48
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލީއްޔަތު ކޮމެޓީން ދިރާސާ ކުރި އިރު ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ގާނޫނު އަސާސީއާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ނިންމައި އެ މައްސަލަ އޭސީސީ އަށް ފޮނުވުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
ޕީޖީ މުއިއްޒު ގާނޫނާ ހިލާފުވެފައިވާ ކަމަށް މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފައި ވަނީ 46 މެންބަރުން ވޯޓުދެއްވައިގެންނެވެ. މާލިއްޔަތު ކޮމެޓީން ނިންމާފައިވާ އެ ނިންމުމާ ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވާފައިވާ އިރު ތިން މެންބަރުން ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
އޮޑިޓާޖެނަރަލް ނެރެފައިވާ 2010 ވަނަ އަހަރުގެ ރިޕޯޓު ދިރާސާ ކުރުމަށް ފަހު މަޖިލީހުން މިއަދު ފާސްކުރި ކޮމެޓީ ރިޕޯޓުގައި ޕީޖީ އޮފީހާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސްއާ ގުޅިގެން އީ-ކްރައިމް ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންގެ ޝަރަފުގައި އޮތް ފަރިއްކޮޅަށް ހަރަދުކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.15 (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެ އެކަށީގެންވާ ފަރާތެއް ހޯދަން އާންމުކޮށް އިއުލާން ނުކުރައްވައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ޕޮރޮސެކިއުޓާ ޖެނަރަލް އޮފީސް ކުރީގެ ފެކަލްޓީ އޮފް ހެލްތު ހިންގި އިމާރާތައް ބަދަލު ކުރުމަށް އެ އިމާރާތުގެ އިންޓީރިއާ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްކުރި މަސައްކަތުގެ ތެރޭގައި މަސައްކަތުގެ އެއްބަސްވުގައި ހިމަނާފައި ނުވާ ކަންކަން ކުރުވާފައިވާ އިރު އެކަން ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.21 ގައިވާ ގޮތުގެ މަތީން މަސައްކަތުގެ ފެންވަރާއި އަގާ މެދު އެއްބަސްވުމެއް ނެތި ކަމަށް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ވަނީ އޭސީސީއަށް ފޮނުވުމަށް ނިންމާފަ އެވެ.
ފްރޮސެކިއުޓާ ޖެނަރަލް ގާނޫނާއި ހިލާފުވެފައިވާ ކަމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މުއްއިޒު މަގާމުން ދުރުވެފައިވާކަން އިއުލާން ނުކުރައްވާ ކަމަށް ވިދާޅުވެ އެކަން ނިޒާމީ ނުގުތާއެއްގެ ދަށުން ވަނީ މެންބަރަކު ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް ގާނޫނާއި ހިލާފް ވެފައިވާ ކަމަށް ނިންމި އިރު އެ މަގާމުން މުއިއްޒު ވަކި ނުވާކަން ކަނޑަނާޅުއްވަނީ ކީއްވެތޯ އެވެ.
"އަޅުގަނޑު މެނަށް މި ނިންމުނީ ޕްރޮސެކިއުޓާ ޖެނަރަލް ގާނޫނާ ހިލާފްވެފައިވާ ކަމަށް. އަޅުގަނޑު ސުވާލު އުފެދެނީ މަގާމުގައި ހުންނަވާނެތޯ ނުހުންނަވާނެތޯ. މި ކީއްވެތޯ އޭ ކަނޑަނާޅުއްވަނީ،" އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން އެ ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މުސަތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ދުރުކުރެވޭނެ ގޮތް ގާނޫނުގައި ލިޔެފައިވާ ކަމަށެވެ.
މިއަދު ރައްޔިތުން މަޖިލީހުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި އެޓާނީޖެނަރަލް އޮފީހާއި ހިއުމަންރައިޓްސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓް ދިރާސާކޮށް މާލިއްޔަތު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ފާސްކޮށްފަ އެވެ.