ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި އަސްކަރީ އެއްބަސްވުމުގެ ސަބަބުން 3.2 މިލިޔަން ޑޮލަރު (50 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ލިބޭނެ ކަމަށް ޑިފެންސްމިނިޓްރީން ބުނެފި އެވެ.

ޗައިނާއަށް ނާޒިމް ކުރެއްވި އެދަތުރުފުޅާ ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ލިބިގެންދާ އެފައިސާއަކީ އަސްކަރީ އެއްބަސްވުމުގެ ދަށުން ލިބޭނެ ފައިސާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ޗައިނާގެ ޑިފެންސް މިނިސްޓާ ޖެނަރަލް ލިއޭންގް ގުއަންގްލީގެ ދައުވަތަކަށް ނާޒިމް އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުވި އެއްބަސްވުމުގެ ދަށުން 20 މިލިއަން ޔުއާންގެ ހިލޭ އެހީ ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެގޮތުން މިވަގުތަށް ކޮންމެހެން ވެސް ބޭނުންވެފައިވާ މެޑިކަލް ސީ އެމްބިޔުލަންސެއް ޗައިނާ ސަރުކާރުގެ އެހީތެރިކަމާ އެކު ހޯދައިދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައިވާ ދުވަސްވަރެއްގައި ޗައިނާއަށް ދަތުރުފުޅެއް ކުރުމުން އެ ގުޅުމަށް އިތުރު ހީނަރުކަމެއް އައިސްފާނެތޯ ސަން އޮންލައިންއިން ސުވާލުދެންނެވުމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޗައިނާއަށް ކުރެއްވި އެދަތުރުފުޅަކީ ޗައިނާގެ ދައުވަތަކަށް މާކުރިންވެސް ހަމަޖެހިގެން ކުރެއްވި ދަތުރުފުޅެއް ކަމަށާއި ދެ ގައުމުގެ ގުޅުމަށް އެކަމުގެ ސަބަބުން ބުރުލެއް އަރަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ނާޒިމްގެ ދަތުރުފުޅުގައި ޗައިނާގެ ނެޝަނަލް ޑިފެންސް ޔުނިވާސިޓީ އަށާއި މިލިޓަރީ މެޑިކަލް ޔުނިވާސިޓީ އަދި ޝަންހާއި އިންސްޓިޓިއުޓް ފޯ އިންޓާނޭޝަނަލް ސްޓަޑީޒްއަށް ޒިޔާރަތްކުރައްވައި، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ރާއްޖެއަށް ހޯއްދެވުމާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މިމަޝްވަރާ ބައްދަލުކުރެއްވުންތަކުގެ ސަބަބުން މެޑިކަލް ދާއިރާއިން އިތުރު ފުރުސަތުތައް ޗައިނާގެ މެޑިކަލް ޔުނިވާސިޓީން ރާއްޖެއަށް ލިބޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށާއި ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން ޝަންގްހާއި އިންސްޓިޓިއުޓް ފޯ އިންޓާނޭޝަނަލް ސްޓަޑީޒްގައި ތައުލީމާއި ތަޖުރިބާ ހާސިލްކުރުމުގެ ފުރުސަތު އެމްއެންޑީއެފްއަށް ތަނަވަސްކޮށްދެއްވާފައިވެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ކުރިމަގުގައި އެ އިންސްޓިޓިއުޓުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ރާއްޖޭން މީހުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ޗައިނާއިން ރާއްޖެއަށް ދީފަ އެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް ޗައިނާއަށް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ދިފާއީ، އަސްކަރީ ގުޅުން އިތުރަށް ބަދަހިވެ އެމްއެންޑީއެފްގެ ތަރައްގީއަށް ޗައިނާ ސަރުކާރުގެ އިތުރު އެހީ ލިބުމުގެ މަގު ތަނަވަސްވެގެން ގޮސްފައިވާ ކަމަށްވެސް އެމްއެންޑިއެފުން ބުންޏެވެ.