ޖީއެމްއާރުގެ މައްސަލައިގައި އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލަ ފެށެން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރުގެ މައްސަލައިގައި ބަންޑާރަ ނައިބު އާޒިމާ ނޫސްވެރިންނާ ބައްދަލު ކުރައްވާ މިއަދު ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން އެ މައްސަލައިގައި ވަކާލާތު ކުރާނެ އާބިޓްރޭޓާއެއް މިހާރުވެސް އައްޔަންކޮށްފައިވާ ކަމަށާއި ޖީއެމްއާރަށް އާބިޓްރޭޓާއެއް އައްޔަން ކުރަން 30 ދުވަސްދީފައިވާ ކަމަށެވެ.

ދިވެހި ސަރުކާރާއި އެމްއޭސީއެލްގެ ފަރާތުން އައްޔަންކޮށްފައިވަނީ ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ތަޖުރިބާ ކާރެކެވެ.

އާޒިމާ ވިދާޅުވީ އާބިޓްރޭޓާއެއް އައްޔަންކުރި ނަމަވެސް އަދި އިންޑިޕެންޑެންޓް އާބިޓްރޭޓާ އަކާއި ޖީއެމްއާރުގެ އާބިޓްރޭޓާއެއްވެސް ހަމަޖައްސަން ޖެހޭ ކަމަށާއި އެ ޕްރޮސެސްއަށް އެކަނިވެސް ދެ މަހެއްހާ ދުވަސްހޭދަވާނެ ކަމަށެވެ. އެހެންކަމުން އާބިޓްރޭޝަންގައި އޮތް ޖީއެމްއާރުގެ މައްސަލަ އަވަހަށް ފެށޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ ފަހުން އެއްފަރާތުން އަނެއް ފަރާތަށް ލިޔެކިއުންތައް ބަދަލުކޮށް، އެއަށް ޖަވާބުތަށްދީ، މިޕްރޮސެސްދިއުމަށްފަހު، ޕްރޮޕާ ހިއަރިންއެއް ފެށެންވެސް އަހަރެއްހާ ދުވަސްވެސް ހިނގައިފާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެންމެ ކުޑަކޮށްވެސް ހައެއްކަ މަސް މިދެންނެވީ، ދެ މަސް ކުރިއަށް އޮވެފައި ޕެނަސް އުފެދިފައި ޕެނަލްއިން ލިއުންތައް ބަދަލުކުރެވިގެން އެންމެ ކުޑަމިނުންވެސް ހަތްމަސްނަގާނެ،" އާޒިމާ ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި 800 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެއްވެސް ފައިސާއަށް ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭންޖެހޭ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުން އެގޮތަށް ވަކާލާތު ކުރަނީ ޖީއެމްއާރުގެ ކޮންޓްރެކްޓަކީ، "ވޮއިޑް އެބް އިނީޝިއޯ" (އުފެދުނު ދުވަހުއްސުރެ ބާތިލްވެފައިވާ) ކޮންޓްރެކްޓެއް ކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށެވެ. ސަރުކާރުގެ ސްޓޭންޑް އެގޮތަށް އޮތް ނަމަވެސް އެއްޗެއް ދޭންޖެހޭނަމަ އެކަން ނިންމާނީ އާބިޓްރޭޝަނުން ކަމަށްވެސް ވިދާޅުވި އެވެ.

"ފައިސާދައްކަން ޖެހޭނަމަ އެކަންވެސް ކަނޑައަޅާނީ އާބިޓްރޭޝަނުން. އަދި އަދަދަށްވެސް ކަނޑައަޅާނީ އެ ޓްރައިބިއުނަލްއިން. އެ އަދަދުގެ ތެރޭގައި ދާންޖެހޭ ލީގަލް އާގިއުމަންޓުންގޮތެއް ނަގާނީ. އަދި އެ އާގިއުމަންޓް ބަދަލެއް ނުވޭ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު އިންވެސްޓްމަންޓަކަށް ވުމުން އެއްޗެއް ދޭން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެ ހުރިހާ ކަމެއް ނިންމާނީ އާބިޓްރޭޝަނުން ކަމަށެވެ. އަދި ވިދާޅުވީ ޖީއެމްއާރަށް އެގްރިމަންޓް ހަވާލުކުރުމުގައި އެސެޓް ވެލުއޭޝަންއެއް ހެދިފައި ނެތުމުން ބައެއް މައްސަލަތައް ކުރިމަތިވެފައި ހުރި ކަމަށެވެ. ނަމަވެސް އެއާޕޯޓްގެ އެސެޓްވެލިއުކުރާނެ ގޮތަކާއި އަދި ބަދަލުގައި ދޭންޖެހޭނެ އަދަދެއްވެސް މިހާތަނަށް ހިސާބުކުރެވިފައި ނެތް ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް އާބިޓްރޭޝަން ޕްރޮސެސް ކުރިއަށްދާއިރު ޖީއެމްއާރުގެ އަތުންސަރުކާރަށް ލިބެންޖެހޭ ބަދަލެއް އޮތްނަމަ އެކަމަށްވެސް ސަރުކާރުން އެދޭނެކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.


"އެ ހިސާބުކުރާނެ ގޮތަކާއި އޭގެން އެއްވެސް ކަމެއް ނުނިމޭ. ބައިވަރު މަސައްކަތްތައް ހިނގަމުން އެބަދޭ. ނަމަވެސް އަދި ބަދަލުގައި ދޭންޖެހޭނެ އަދަދާއި އިންވެސްޓްކޮށްފައި ހުރި ފައިސާގެ އަދަދާއި މީގެން އެއްވެސް އެއްޗެއް ހިސާބުކޮށްފައެއްނެތް. އަދި ހިސާބުކުރާނެ ގޮތެއްވެސް ނެތް،" އާޒިމާ ވިދާޅުވި އެވެ.

ޖީއެމްއާރުގެ ކޮންޓްރެކްޓް ބާތިލްކޮށް އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރަން ނިންމި ނިންމުމަށް ސިންގަޕޫރުގެ އެންމެ މަތީ ކޯޓު ކޯޓް އޮފް އެޕީލްއިން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. އާޒިމާ ވިދާޅުވީ އެ ހުކުމާ އެކު އެ މައްސަލައިގައި ދިވެހި ސަރުކާރަށް "ކާމިޔާބެއް" ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ރަނގަޅު ކާމިޔާބެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.