ރައްޔިތުން މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަަޅާ ފަރާތްތަކުގެ ތެރެއިން ޝަރުއީ އުޒުރަކާއި ނުލާ ވަޒީފާ އަށް ނުނިކުންނަ ފަރާތްތަކުގެ މުސާރަ އުނިކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި އެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން ރައްޔިތުން މަޖިލީހުން މުސާރަ އާއި އިނާޔަތް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން ވަޒީފާ އިން ނުނިކުންނަ ދުވަސްތަކަށް މުސާރަ އުނިކުރާނެ އުސޫލްތަކެއް ކަނޑައެޅުމަށް ހުށަހެޅި އިސްލާހް ބަލައިނުގަތުމަށް 34 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވި އެ އިސްލާހް ބަލައި ގަތުމަށް 12 މެންބަރުން ވޯޓު ދެއްވާފައިވާ އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވެ.

ގާނޫނު އަސާސީގެ 102 ދަށުން ރައްޔިތުން މަޖިލީހުން މުސާރަ އާއި އިނާޔަތް ކަނޑައަަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ވަޒީރުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނަށާއި ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބު ރާއިސަށާއި ފަނޑިޔާރުންނަށާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނަށާއި މުސްތަގިއްލު މެންބަރުންނަށެވެ.

އެއިން ބޭފުޅަކު ޝަރުއީ އުޒުރަކާއި ނުލައި ވަޒީފާ އަށް ނުނިކުނަން ދުވަސްތަކަށް މުސާރަ އުނިކުރެވޭނެ އުސޫލެއް ކަނޑައަޅަން ހުށަހެޅި އިސްލާހު ބަލައިގަތުމަށް މަޖިލީހުން ދެކޮޅު ހައްދަވާފައިވީ ނަމަވެސް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ގޮތަށް މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކޮމެޓީން ފާސްކޮށްފައިވާ ގޮތުން ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް ޓަކައި ޕާޓް ޓައިމް އުސޫލުން މަސައްކަތް ކުރާ މެންބަރުންގެ މައްޗަށް އެކުލެވޭ، ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފެއްދުމަށް ވަނީ ފާސްކޮށްފަ އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ގޮތަށް ފާސްކޮށްފައި ވަނީ 46 މެންބަރުން ވޯޓު ދެއްވައިގެނެވެ. ކޮމެޓީން ނިންމާފައިވާ ގޮތަށް ފާސްކުރުމާ ދެކޮޅަށް ދެ މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.

އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ޕޭ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަންގެ ރައީސްއަކަށް އަޔަން ކުރަން ވާނީ ފިނޭންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއް ކަމަށާއި ކޮމިޝަންގެ އައްޔަން ކުރާ ފަސް މެންބަރުން ވެސް މަގާމުގައި ދެމިތިއްބަވާނީ ފަސް އަހަރު ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރުންނަށް މުސާރަ ކަނޑައަޅުއް ވާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އަށާވީސް މާއްދާއެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގައި "ކޮންސިއުމާ ޕްރައިސް އިންޑެކްސް"އާ ވަޒަން ހަމަ ކުރާ މުސާރައެއް ކަނޑައަޅަންވާނެ އެވެ.

އަދި އިންފްލޭޝަނަށް އިންޑެކްސް ކުރެވޭ މުސާރައަކަށް ދައުލަތުގެ މުސާރަ ވާން ޖެހޭނެ ކަމަށާއި މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ހިފަހައްޓައިދޭ އަދި މަތިކޮށްދިނުމަށް އެހީތެރިވެދޭ މުސާރައަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ދިރިއުޅެން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އިނާޔަތަތްތަކަކީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރު ލިބޭ އިނާޔަތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.