ހުޅުމާލޭ ބިން ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމައި ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ފެށޭވަރު ވާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގައި މިފަހަރު ހިއްކަން ނިންމީ 230 ހެކްޓަރުގެ ބިމެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިއްކީ 188 ހެކްޓަރުގެ ބިމެވެ.

ވެލާނާގޭ ޕްރެސް ހޯލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑުގެ ޗެއާމަން ސުހައިލް އަހްމަދު މިއަދު ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށައިގެން އެ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ހިއްކުމުގެ ހުރިހާ މަސައްކަތެއް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވުނަސް ވަށާތޮށި ލުމާއި އެހެނިހެން ބައެއް މަސައްކަތްތައް މުޅިން ނިންމާލަން އިތުރު އެއް އަހަރު ދުވަސް ބޭނުންވާނެ ކަމަށެވެ. ސުހައިލް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މުޅީން ނިންމަން 60 މިލިއަން ޑޮލަރު (925.2 ރުފިޔާ) ޚަރަދު ވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އަންނަ އަހަރުގެ ޖުލައި ނުވަތަ އޯގަސްޓު ހިސާބުގައި ދެވަނަ ފިޔަވަހި ނިންމާލެވޭނެ ކަމަށް. ނަމަވެސް އިރުތު ބައެއް މަސައްކަތްތައް ހުންނާނެ އިތުރު އެއް އަހަރު ބޭނުންވާނެ. މިސާލަކަށް ވަށާ ތޮށިލުމުގެ މަސައްކަތް. އަދިވެސް އިތުރު އެތައް ކަމެއް އިތުރުން ކުރަން ޖެހޭ،" ސުހެއިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ދެ ވަނަ ފިޔަވަހި ހިއްކަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށާއި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން މުއްދަތު ހަމަވި އިރު ދެ ފަރާތަކުން ކުރިމަތި ލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ފަރާތުން ހުށަހެޅި ބިޑުތައް ދިރާސާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެކަމަށް ބަޔަކު ކަނޑައެޅޭ ވަރުވާނެ ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ މަޝްރޫއު ފެއްޓެވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކޮށް ދެއްވުމުގެ މަގްސަދުގައި އެވެ. އެ މަސައްކަތް ފަށާފައި ވަނީ 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ.