ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ޑީއާރުޕީން ވަކިވެވަޑައިގެންފި އެވެ.

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ރިފާއު މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރާއްޖޭގެ ލާބަޔާއި މަންފާ އަށް ޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގެ އަގު އެ ޕާޓީން ވަޒަން ނުކުރާކަން އޭނާ އަށް ޔަގީންވެފައިވާ ކަމަށެވެ. އަދި ރައީސް ވަހީދުގެ ސަރުކާރަކީ ރައްޔިތުންގެ ލާބަޔާއި މަންފާ އަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރަކަށްވާ އިރު، ޑީއާރުޕީން މި ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރަމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ އަނިޔާ ލިބެމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި ވަނީ އެފަދަ އަނިޔާތަކެއް ރައްޔިތުންނަށް ދެމުންގެންދާ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއްގައި ހުރުމަކީ ރައްޔިތުން އެދޭކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައް ކުރުމަކީ އޭނާގެ ވާޖިބެއް ކަމަށް ދޭކޭތީ ޑީއާރުޕީން ވަކިވާން ނިންމީ ކަމަށެވެ.

"... މި ސަރުކާރަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ހިންގަމުންގެންދާ ސަރުކާރަކަށްވާ އިރު، މި ސަރުކާރަށް ޖެެއްސުންކޮށް، އުނދަގޫ ކުރުމުގެ ނަތީޖާއަކަށް ވެގެން ދަނީ ރައްޔިތުންނަށް އަނިޔާ ލިބުން ކަމަށް ވާތީ، އެފަދަ އަނިޔާތަކެއް ރައްޔިތުންނަށްދޭ ތަނެއްގައި ނުވަތަ އެފަދަ ސިޔާސަތެއް ގެންގުޅޭ ބަޔަކާއެކުގައި ހުރުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމަކަށް ނުވާތީ އާއި ރައްޔިތުން ވެސް މިގޮތަށް އެދެމުންދާތީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައް ކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެމެވެ. ކަން މިހެން ހުރުމުގެ ސަބަބުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވާން ބޭނުންވާ ވާހަކަ ދެންނެވީމެވެ،"އެ ސިޓީގައިވެ އެވެ.

ރިފާއު ޑީއާރުޕީން ވަކިވެވަޑައިގަތުމުން މިހާރު ކަނޑު ހުޅުދޫ ކައުންސިލްގައި ތިއްބަވަނީ ޑީއާރުޕީގެ ތިން މެންބަރުންނެވެ. ދެން ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި އެ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މެންބަރެވެ.