17 Dec 2012, 14:47
އިނގިރޭސި ގައުމީޓީމު އަދި އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ،20، އާސެނަލްއާ އެކީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމާ ގާތަށް ދެވިއްޖެ ކަމަށް އޭނާ ހާމަކޮށްފި އެވެ.
ވިލްޝެއާ ބުނީ "އަހަރެން މިގެންދަނީ ކުލަބާ ވާހަކަ ދައްކަމުން. ގާތްގަނޑަކަށް ކުރިއަށް އޮތް ދެ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނަން" ކަމަށެވެ.
އަނިޔާގެ ސަބަބުން ގާތްގަނޑަކަށް 15 ވަރަކަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ވިލްޝެއާ އަލުން ކުޅެންފެށި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ވިލްޝެއާ ކުޅުމާ ދުރަށްދާން ޖެހުނީ 2011 ވަނަ އަހަރުގެ ޖުލައި މަހު އެމެރިކާގެ ނިއުޔޯކު ރެޑްބުލްސް އާއި ދެކޮޅަށް ކުޅުނު ޕްރި-ސީޒަން އެކުވެރިކަމުގެ މެޗެއްގައި އޭނާގެ ތަނބިކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނެވެ.
ފާޑު ކިޔުންތައް އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓީމު މިހާރު އޮތް ހާލަތާއި ޓީމުގެ ކޯޗު ފުރާންސްގެ އާސީން ވެންގާ ޓީމު ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ވިލްޝެއާ ބުނީ، އޭނާގެ ނަޒަރުގައި އަދި ވެސް އާސެނަލް އަށް އެންމެ ރަނގަޅު ކޯޗަކީ ހަމަ ވެންގާ ކަމަށެވެ.
"ޝައްކެއް ވެސް ނެތް ގޮތުގައި އޭނާ (ވެންގާ) އަކީ އަދިވެސް ކޯޗުކަމަށް އެންމެ ރަނގަޅު މީހާ. ކުޅުންތެރިން މިކަމާ ދޭތެރޭ ތަންކޮޅެއް ބޮޑަށް ވިސްނާލަންވީ،" ޒުވާން މިޑްފީލްޑަރު ބުންޏެވެ.
"އަހަރުމެންނަށް އަދިވެސް ކުރިއަށް ހުރި މުބާރާތްތަކުން ކާމިޔާބުތަކެއް ހޯދިދާނެ. ލީގައި ޓީމު އޮތީ އެހާ ރަނގަޅު ހިސާބެއްގައެއް ނޫން. އެކަމަކު ފުޓުބޯޅަ އަކީ ވަރަށް އަވަހަށް ބަދަލުވަމުންދާ އެއްޗެއް. މިހާރު ވެސް އަހަރުމެން ދެ ތިން ހަތަރު މެޗަކުން މޮޅުވެ ކުރީގައި އުޅޭ ޓީމުތަށް ދެތިން މެޗަކުން ބަލިވެ ނުވަތަ އެއްވަރުވާ އިރަށް އަހަރުމެންނަށް ލީގުތެރެއަށް އެނބުރި އާދެވުނީ. މީގައި ބޭނުން ވަނީ ނަސީބު." ކަމަށެވެ.
ސެޕްޓެމްބަރު 1996ގައި އާސެނަލްގެ ކޯޗުކަމާ ވެންގާ ހަވާލުވެގެން ފުރަތަމަ އެގާރަ އަހަރު ދުވަހުގެ ތެރޭގައި އާސެނަލް އަށް ތިން ފަހަރު ލީގު ހޯދައިދީ ހަތަރު ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމުގެ އިތުރުން، 2005 ވަނަ އަހަރުން ފަހުން ވޭތިވެ ދިޔަ ހުރިހާ ފަހަރަކު އާސެނަލް ސީޒަން ނިންމާލާފައި ވަނީ ހުސްއަތާ އެވެ.
ވިލްޝެއާ ގަބޫލު ކުރާ ގޮތުގައި އާސެނަލް ފަދަ ޓީމަކަށް މިގޮތަށް ހުސްއަތާ ކޮންމެ ފަހަރަކު ސީޒަން ނިންމާލަން ޖެހުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި މިއީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާވެސް އެއްބަސް ވެއެވެ.
"އަހަރެމެން އެބަޖެހޭ ބަދަލުތަކެއް ގެންނަން. އާސެނަލް ފަދަ ޓީމަކަށް ކާމިޔާބެއް ނުލިބި މިދަނީ މާގިނަ ދުވަސްތެކެއް. މީގެ ސަބަބުން ސަޕޯޓަރުންގެ ޕްރެޝަރުވެސް އަންނާނެ." ވިލްޝެއާ އެއްބަސް ވި އެވެ.
މީގެ އިތުރުން ޒުވާން ތަރި ބުނީ "މި ޓީމަކީ މީގެ ކުރިން ކާމިޔާބުތަށް ހޯދި ޓީމެއް. އެހެންވީމާ އެކަން މިހާރު ވެސް ނުކުރެވެންވީ ސަބަބެއް ނެތް. އަހަރު މެންގެ އެބަތިބި ރަނގަޅު މޮޅު ކުޅުންތެރިން. މިކަމުން އަރައިންގަންނަން ބޭނުން ވަނީ ހަމަ އެކަނި އަހަރުމެންގެ ވިސްނުން ބަދަލު ކޮށްލުން." ކަމަށެވެ.