ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި މޫސުމް ގޯސްވުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ޑިޕާޓްމަންޓް އޮފް މީޓިއަރޮލޮޖިކަލް ސެންޓަރުގެ ވެދާ ފޯކާސްޓާ އަޒީމާ އަހުމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހަައްދުތަކަށް އުދައަރަމުން ދަނީ މިދުވަސްވަރު މޫސުމް ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާ ނަމަ އުދައެރުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އުދައަރަނީ. ވަކިން ހާއްސަކޮށް މެދުތެރޭގައި [މެދުރާއްޖެތެރޭގައި] ވައިގަދަވެ ކަނޑުގަދަކޮށް މިއުޅެނީ. މެދު ތެރެ އެކަންޏެއް ނޫން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާޅު އަރާނެ ކަމަށް މިބެލެވެނީ،" އަޒީމާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މިވިއްސާރައިގައި މެދުރާއްޖެ ތެރޭގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު އަށް މޭލާއި 18 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑާ ގުޅިގެން 40 މޭލަށް ވެސް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް މެދުތެރޭގައި އާއްމުކޮށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގައި ކަނޑު އާދައިގެ ވަރަކަށް ގަދަ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން މިއަދު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައަރާފައިވާ އިރު އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން މިއަދު އުދަ އެރި ބައެއް ރަށްރަށުގެ ތެރެއިން ނ. ހޮޅުދު، މ. ދިއްގަރު އަދި ކ. ގާފަރަށް ވެސް ވަނީ އުދައަރައި ބައެއް ގޭގެއަށް ލޮނު ވަދެފަ އެވެ.

ނަމަވެސް މިހާތަނަށް ރަސްމީކޮށް މޫސުމާ ބެހޭ އިދާރާ އަށް އަދި ޑީޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ވެސް އުދައަރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެއިދާރާތަކުން ވަނީ ބުނެފަ އެވެ.