އުމުރުން ދެ އަހަރުގެ އައިމިނަތް މީޝާ ޝާފިއު ގިފިއްޔަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިފައިވުމުން އިތުރު ފަރުވާ ހޯދުމަށް މިއަދު އިންޑިއާ އަށް ގެންގޮސްފި އެވެ.

މީޝާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ހުސެއިން މުހައްމަދު މިއަދު ބުނީ މިއަދު 11:00ގެ ފްލައިޓުން މީޝާ އަށް އިތުރު ފަރުވާދިނުމަށް އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ބުނީ މީޝާގެ ހާލު އަދި ވެސް ވަރަށް ސީރިއަސް ކަމަށާއި އަދި ވެސް ހޭނާރާ ކަމަށެވެ.

"މީޝާ އިންޑިއާ އަށް ފޮނުވާލެވުނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީއާ އެކު އަދި ވެސް އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް،" ހުސެއިން ބުންޏެވެ.

މީސާގެ މަންމަ މީގެ ކުރިން ސަން އޮންލައިނަށް މައުލޫމާތު ދެމުންބުނީ އޭނާގެ ދަރިފުޅު ވެއްޓި އަނިޔާވެފައި ވަނީ ދަރިފުޅަށް ކާންދިނުމަށް ފަހު ތުންދޮވުމަށް ގިފިއްޔަށް ގެންގޮސްފައި ހުއްޓައި ވެއްޓި ތަނެއްގައި ބޯޖެހިގެން ކަމަށެވެ.