17 Dec 2012, 13:55
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ ހަރިކޭން ބީސީއާ ވާދަކޮށް 22 ޕޮއިންޓުގެ ތަފާތަކުން ރެޑްލައިން ކުލަބު (އާރުއެލްސީ) މެޗު ކާމިޔާބު ކޮށްފި އެވެ.
ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރު ފެށި އާރުއެލްސީ ރޭގެ މެޗު ކާމިޔާބު ކުރީ 99 ޕޮއިންޓު 77 ޕޮއިންޓުން ނެވެ.
ރޭގެ މެޗުގައި އާރުއެލްސީ އަށް އެންމެ ގިނަ ޕޮއިންޓް ނަގައި ދިނީ މެޗުގައި 26 ޕޮއިންޓް ހޯދި މުހައްމަދު ޒިލާލު އެވެ. މެޗުގެ މޮޅު ކުޅުންތެރިކަށް ހޮވުނީ ވެސް ޒިލާލު އެވެ. އަދި ރޭގެ މެޗުގައި ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓުް ހޯދައި ދިނީ އެ ޓީމަށް 28 ޕޮއިންޓު ހޯދައިދިން މުހައްމަދު ޚުވައިލިދު އެވެ.
ލީގުގެ ކުރިއަށް އޮތް މެޗުގައި މާދަމާ ރޭ ޓީ-ރެކްސް އާއި ދެކޮޅަށް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާއިރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.
މިމަހުގެ 22ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގެ ލީގު ޗެމްޕިއަންކަން ލިބޭނީ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.