ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާ ވެސް މިއަދު މަޖިލީހަށް ވައްދައިފި އެވެ.

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވެއްދީ އެމްޑީޕީގެ މެންބަރުންނާ އެކު 17 މެންބަރަކު ސޮއިކުރެއްވުމަށް ފަހު ކަމަށެވެ.

އެ މައްސަލަ ހުށަހެޅިތޯ ޔަގީންކުރުމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެމްޑީޕީން މީގެ ކުރިން އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު އެ މައްސަލަ އެޖެންޑާ ވެސް ކޮށްފައިވަނިކޮށް އެންމެ ފަހު ވަގުތު ވަނީ، މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ޖަމީލްގެ މައްޗަށް އިތުބާރުނެތް ކަމަށް ވެއްދި ސަބަބުތަކެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއަކީ ހޯމް މިނިސްޓަރު ސީދާ އުފުއްލަވަން ޖެހޭ ޒިންމާއެއް ކަމަށާއި ހޯމް މިނިސްޓަރު އެ ޒިންމާ ނުނެގުމުގެ ސަބަބުން ރޯމާދުވާލުގެ ވަގުތުތަކުގައި ގަސްތުގައި މީހުން މަރައި މާރާމާރީ އާއި ކުށެއްނެތް އެތަކެއް ބަޔަކު މި ދުނިޔެ ދޫކުރަން ޖެހިފައި ވަނީ މަގުތަކުގެ އަމާންކަން ގާއިމްނުކުރެވި މާރާމާރީ އާއި ކުށްކުރަމުންދާ ދިއުން ނުހުއްޓުވިގެން ކަމަށެވެ.

ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ވެއްދި އިރު ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.