މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ތަޞްދީޤު ކުރައްވައިފި އެވެ.

އަދި ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިޢުކޮށްފަ އެވެ.

ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނަކީ ދިވެހި ރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ އުޞޫލުތައް ބަޔާންކޮށްދިނުމާއި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިގެންވާ ފަރާތްތައް ކަނޑައެޅުމާއި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު ތަންފީޒު ކުރުމުގެ ހަމަތައް ތަފްސީލުކޮށްދިނުމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އަސާސީ ޙައްޤުތައް، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ބޭނުންވާ ނިސްބަތަށް ހަނިކުރުމުގެ އުޞޫލުތައް އެކަށައެޅުމުގެ ޤާނޫނެވެ.

އެ ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ މައިގަނޑު އުޞޫލުތައް ބަޔާންކުރުމާއި ދިވެހި ރާއްޖޭގައި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައެޅުމާއި އެފަރާތްތައް ތަރުތީބުވެގެންވާ އޮނިގަނޑު އެކުލަވައިލުމާއި އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް އެކަށައެޅުން ހިމެނެ އެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓް ކުރަން ޖެހޭ ބަލިތައް ކަނޑައެޅުމާއި އެފަދަ އިތުރު ބަލިތައް ކަނޑައަޅާނެ އުޞޫލު ބަޔާންކޮށް ދިނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް ކަނޑައަޅައި އެ ބަލިތަކަށް މުޖްތަމަޢު ހޭލުންތެރިކުރުވައި އެފަދަ ބަލިތަކުން މުޖްތަމަޢު ރައްކާތެރި ކުރުމުގެ އުޞޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

މީގެއިތުރުން ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެ ނަމަ، ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައެޅުމާއި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ގޮތުން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުން އުފުލަން ޖެހޭ ޒިންމާގެ ދައުރު އެކަށައެޅުމާއި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގައި، ދިވެހި ރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުން ވެސް ހިމެނެ އެވެ.
މ