17 Dec 2012, 13:00
ލ. ކައްދޫ އެއާޕޯޓްގައި ބޭނުންކުރާ ފަޔާ ލޮރީ އަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކެނޑިއްޖެ އެވެ.
ކައްދޫ އެއާޕޯޓްގެ އިންޗާޖް އަހުމަދު އަލީ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފަޔާލޮރީ ސުޓާޓް ނުކުރެވުމުން މިއަދު ހެނދުނު 9.30 އިން ފެށިގެން އެ އެއާޕޯޓަށް އެއްވެސް ފްލައިޓެއް ނުޖެއްސޭ ކަމަށާއި ފަޔާލޮރީ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި އޮންނަނީ އެންމެ ފަޔާ ލޮރީއެއް އެ ފަޔާ ލޮރީ ސުޓާޓް ނުކުރެވޭތީ އޮޕަރޭޝަންތައް މިވަގުތަށް ހުރީ ހުއްޓިފައި." މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަޔާ ލޮރީ މަރާމާތްކުރުމުގެ މަސައްކަތް ޓެކްނީޝަނުން މިހާރު ކުރަމުން އަންނަ އިރު ފަޔާލޮރީ މަރާމާތްކުރުމަށް ބޭނުންވާ ބައެއް ސާމާނު ނެތުމުން އެ މަސައްކަތް ނުކުރެވިފައިވާ ކަމަށާއި އެ ތަކެތި ގެނެސްގެން އަލުން އޮޕަރޭޝަންތައް ފެށޭނެ ކަމަށް ލަފާކުރެވެނީ މިރޭ 8:00 ޖަހާކަންހާ އިރު ކަމަށެވެ. އަދި ވިދާޅުވީ އެ ވެހިކަލަށް މައްސަލަ ޖެހިފައި އޮތުމުން އިއްޔެ ވެސް އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު ކަމަށެވެ.
އޭވިއޭޝަން ގަވާއިދު ބުނާ ގޮތުން ފަޔާލޮރީ ނެތި އެއާޕޯޓަކަށް ފްލައިޓެއް ޖެއްސުމަކީ މަނާ ކަމެކެވެ. އަދި އެގޮތަށް އޮޕަރޭޝަން ހުއްޓާލަން ޖެހުމުން ބައެއް އެއާލައިންތަކަށް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ.