13 Mar 2010, 10:35
އެ ފަރާތްތަކަށް ނޭނގި އެކިއެކި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވަމުންދާ ކަމުގެ ޝަކުވާ މިހާރު ވެސް ލިބެމުންދާ ކަމަށާއި އެހެންވެ، ހިމެނިފައި ވަނީ އެ މީހަކު ބޭނުންވާ ސިޔާސީ ޕާޓީގައިތޯ ކޮންމެ މީހަކު ވެސް އަމިއްލަ އަށް ބެލުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވީ މި ދުވަސްވަރަކީ ވަރަށް ގިނަ ބަޔަކު ސިޔާސީ ޕާޓީތަކުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން ފޯމްތައް ހުށަހަޅަމުންދާ ދުވަސްކޮޅެއް ކަމަށެވެ. ފުއާދު ވިދާޅުވީ މިކަންތައް ސާފުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންސްގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް އުޅޭ ކަމުގައިވާނަމަ އިލެކްޝަންސް ކޮމިޝަނަށް އެމީހެއްގެ އައިޑީކާޑުގެ ކޮޕީއަކާ އެކު ސިޓީއަކުން ހުށަހެޅުމުން އެމައްސަލައެއް ބަލައިދޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ބައެއް މީހުންނަށް ނޭނގި އެ މީހުންގެ ނަން ސިޔާސީ ޕާޓީތަކުގެ ހިމަނަމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި އާ ފޯމެއް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ތައްޔާރުކޮށް، ޕާޓީތަކަށް ފޮނުވަން ފަށައިފައި ކަމަށާއި އަންނަ އޭޕްރީލް މަހުން ފެށިގެން އެކޮމިޝަނުން ބަލައިގަންނަމުންދާނީ އެފޯމް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.