17 Dec 2012, 12:34
ތިރީސް ދެ ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޓީ-ރެކްސް ބައްދަލު ކުރި މެޗު ތިން ޕޮއިންޓުގެ ތަފާތަކުން ވިކްޓަރީ މެޗު ކާމިޔާބު ކޮށްފި އެވެ.
އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ޓީރެކްސްގެ މައްޗަށް ވިކްޓަރީން ކާމިޔާބު ހޯދީ 67 ޕޮއިންޓު 64 ޕޮއިންޓުން ނެވެ.
ވިކްޓަރީ އަށް އިއްޔެގެ މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ އެ ޓީމަށް 33 ޕޮއިންޓް ހޯދައިދިން ނަޝްފާ އާމިރު އެވެ. އަދި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އާމިނަތު ޝިއުރާ އެވެ. އޭނާ ވަނީ އެ ޓީމަށް 25 ޕޮއިންޓު ހޯދައި ދީފަ އެވެ.
އިއްޔެގެ މެޗުން ޓީ-ރެކްސް ބަލިވީ ނަމަވެސް އެ ޓީމު ވަނީ ކުޅުނު ދެބުރުން އަށް ޕޮއިޓާ އެކު ދެ ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ގޮސްފަ އެވެ. އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައި ވަނީ 10 ޕޮއިންޓް ހޯދައިގެން ގުޑީސް އެވެ. އަދި ވިކްޓަރީ އަށް ލިބިފައި ވަނީ ހަ ޕޮއިންޓާ އެކު ތިން ވަނަ އެވެ.
ގުޑީސް އާއި ޓީ-ރެކްސް ބައްދަލުކުރާ މި މުބާރާތިގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ ނުވައެއް ޖަހާއިރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.