ވަގަށް ނެގި ސައިކަލެއްގައި ގޮސް މީހެއްގެ އަތުން ފޯނެއް ފޭރިގަނެގެން ބާރު ސްޕީޑްގައި ދަނިކޮށް އެ ސައިކަލުން ޖެހި މީހަކު މަރުވި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ޖަސްޓިސް ބިލްޑިން ކައިރިންނެވެ.

ފުލުހުން މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެ ވަގުތު ޖަސްޓިސް ބިލްޑިން ކައިރީގައި ހުރި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމްގެ ގައިގައި ޖެހި އޭނާ ވަނީ މަރުވެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ގއ. ގެމަނަފުށީ ނޫރުއްސަބާހް އަހުމަދު ނާދީ ސަލީމް، 21 އާއި 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހ. ޓްވައިލެޓްރިވަރީގޭ ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނެގުމަށް ފަހު ނާދީ އާއި 17 އަހަރުގެ ކުއްޖާ އެ ސައިކަލްގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފޭރިގެންފައި ވަނީ ކުރީގެ ބޮންޑްސްޓްރީޓް ފިހާރަ ކައިރީގައި މަޑުކޮށްގެން ހުރި ބިދޭސީއެއްގެ އަތުގައި އޮތް ނޮކިއާ ބްރޭންޑްގެ ފޯނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް ވެސް ވާ ކަމަށް ބުނެ، ގާސިމުގެ އާއިލާގެ ފަރާތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށުގެ ރެކޯޑު އޮންނަ ނާދީ އަކީ މިއަހަރުގެ ތެރޭގައި އޭނާގެ ބޭބެއާ އެކު ގެމަނަފުށީގައި ފުލުހަކަށް ހަމަލާ ދިނުމަށް ފަހު ފުލުސް މީހާގެ ދެ ކޮއްކޮއަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ. އެ މައްސަލަ ވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް އަދި އެ މައްސަލައިގައި ދައުވާ ކޮށްފައެއް ނުވެ އެވެ.