މ. ދިއްގަރަށް ރޭ ވަރަށް ބޮޑަށް އުދައަރާފައިވާ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއިލް މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރޭ ގާތްގަޑަކަށް 1:30 ހާކަންހާއިރުން ފެށިގެން މިއަދު ހެނދުނު 6:00 ޖަހަންދެން އެ ރަށުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބަޔަކަށް އުދައަރާފައިވާ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް މިމޫސުމަކީ އުދައަރާ މޫސުން ނަމަވެސް މިފަހަރު އުދައަރަމުން ދަނީ އާދަޔާހިލާފަށް ވަރަށް ބޮޑަށް އެގޮތުން ރޭގައި އުދައަރައި ބައެއް ގޭގެއަށް ވެސް ފެން ވަތް ނަމަވެސް އެއްވެސް އެއްޗަކަށް ގެއްލުމެއްނުވޭ. ނަމަވެސް އަތިރިމަތީގައި ރައްޔިތުން ބަހައްޓާފައި ހުރި ވެލި ބަސްތާ ފަދަ އެއްޗިއްސަށް ގެއްލުންވި،" އިމްރާމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އުދައަރަންފެށުމާ އެކު އެ ރަށުގައި ތިބޭ ފުލުހުންނާއި އާންމުންނާ ގުޅިގެން ގޭގޭކައިރީގައި ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ. އަދި މިރޭ ވެސް އުދައަރާފާނެ ކަމަށް ލަފާކުރެވޭތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދުވަސްވަރަކީ މޫސުން ގޯސްދުވަސްވަރަކަށް ވުމުން ކޮންމެ އަހަރު މިދުވަސްވަރުގައި ބައެއް ރަށްރަށަށް އުދައެރުމުގެ ހާދިސާތައް ދިމާވެ އެވެ. އެގޮތުން ރޭގައި ވަނީ ދިއްގަރުގެ އިތުރުން ނ. ހޮޅުދޫއަށް ވެސް އުދައަރާފަ އެވެ.

މެޓް އޮފީހުން ބުނީ މިދުވަސްވަރު ބައެއް ރަށްރަށަށް އުދައަރަމުން ދަނީ މިދުވަސްވަރުގެ މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ކަމަށެވެ.