ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރި މީހަކު ތިން ހާސް ރުފިއާ އިން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށުގައި 3000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ މ. ހަތިކަނޑު އަހުމަދު މޫސާ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މި އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މ. ހަތިކަނޑުގޭގެ ކައިރީ ހުރި މީހަކު އެ ސަރަހައްދުގައި އުޅޭ އާންމުންނަށް އުނދަގޫ ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ތަނަށް ދިޔަ ކަމަށެވެ. އަދި ފުލުހުން އެތަނަށް ގޮސް އާންމުންނަށް އުނދަގޫ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި އަހުމަދު މޫސާ ހައްޔަރު ކުރަން އުޅުމުން ފަހަތަށް ބިޑިނޭޅުވޭނެ ކަމަށާއި އަދި އޭނާ ފުލުސް އޮފީހަށް ވެސް ނުގެންދެވޭނެ ކަމަށް ބުނެ ފުލުހުންގެ ގައިގައި ހިފަހައްޓައި ފުލުހުންގެ އަމުރަށް ނުކިއަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް އޭނާ ދަތިކޮށްފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން އޭނާ ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ވެސް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.