އޭއެފްސީ 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރާ ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ ގްރޫޕް ސީ ފަޅީގައި ކަމަށާއި އެގޮތުން ރާއްޖެއާ އެކު ގްރޫޕްގައި ދެން ހިމެނޭ ޓީމް ތަކަކީ އުޒްބެކިސްތާނާއި ތަޖިކިސްތާނާއި ނޭޕާލާއި ބޫޓާން އަދި އަފްގާނިސްތާނެވެ.

"މުބާރާތައް ތައްޔާރުވުމަށް ރާއްޖެ ޓީމުގެ ފަރިތަކުރުންތައް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފަށާނެ. މިހާރު ވެސް ޓީމުގެ ސްކޮޑުގައި 30 ކުޅުންތެރިން ވާނީ ހިމަނައިފައި." މާއްޓޭ ވިދާޅުވި އެވެ.

މާއްޓޭ ވިދާޅުވީ، ރާއްޖެ ފަޅީގެ މެޗްތައް ނޭޕާލް ގައި ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މެޗްތައް ކުޅޭ ތާރީހް އަދި މުޅިން ފައިނަލް ކޮށްފައި ނުވާ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ބާއްވާ މިމުބާރާތުގެ ކޮލިފައިންގައި 46 ގައުމަކުން ވާދަކުރާ އިރު، ގައުމުތައް ވަނީ އަށް ގްރޫޕަކަށް ބަހާލައިފަ އެވެ. އެގޮތުން ގައުމުތައް އަށް ގްރޫޕަށް ބަހާލައިފައި ވަނީ ހަތަރު ޒޯނަށް ބަހާލުމަށް ފަހު އެވެ. އަދި މުބާރާތަށް ކޮލިފައި ވާނީ ކޮންމެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ކުރި ހޯދާ ޓީމެވެ.