ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މީހަކު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކޮށްފައިވާތީ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ "ހުޅުމާލޭ ފްލެޓް 10 ޖީ 04" އަލީ އަބްދުﷲ ގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މިއަހަރުގެ މެއި 14 ވަނަ ދުވަހު ގެ ރޭ 10:30 އެހައިކަންހާއިރު ކުޑަކަމުދާ އެއްޗިހި ދޭން ފުލުހުން އެދުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.

"...މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުން އަލީ އަބްދުﷲ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ބުނެވިދިޔަ ގާނޫނުގެ 123 ވަނަ މާއްދާގެ (ށ)ގެ ދަށުން އަލީ އަބްދުﷲ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

މިއީ މިބާވަތުގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ހުކުމް ކުރި ފުރަތަމަ ފަހަރެވެ.

ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ފުލުހުން ހައްޔަރު ބައެއް ބޭފުޅުން ވަނީ ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކޮށްފަ އެވެ. އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.