17 Dec 2012, 11:06
ގއ. އަތޮޅުން 16 މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅުނު ފައިބަރު ދޯންޏެއް މެދުން ބިންދައިގެން ގޮސްފި އެވެ.
ލ. މާމެންދޫ ފިތުރޯނުވިލާ، އަލީ އިދުރީސްގެ 104 ފޫޓު 20 ފޫޓުގެ "މަސްުދުވެލި" ދޯނީގެ ފަޅުވެރިޔާ، ލ. ފޮނަދޫ ހަރުމަލާ، ޔޫސުފު އަބްދުﷲ މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ގއ. އަތޮޅުގެ އެކަފަރު ކަނޑުން އެން ހިފައިގެން ނުކުމެ، ގއ. އަތޮޅާ ހައެއްކަ މޭލު ބޭރުގައި އޮއްވައި މިއަދު ހެނދުނު ގާތްގަނޑަކަށް 9:46 އެހާކަންހާ އިރު ކަމަށާއި އެ ހާދިސާގައި ދޯނީގެ މެދުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
އޭނާ ބުނީ އެ ހާދިސާ ހިނގުމާ އެކު އެ ވަގުތު އެ ސަރަހައްދުގައި މަހަށް ނުކުމެ އުޅުނު ގއ. އަތޮޅުގެ ދޯންޏަކާއި ލ. މާމެންދޫގެ ދެ ދޯންޏެއްގެ އިތުރުން ފުލުހުންގެ ލޯންޗެއް ވެސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެ ފަރާތްތަކުގެ އެހީގައި ބިންދައިގެން ދިޔަ ދޯނި ކަފުޖަހައިގެން ގއ. ވިލިގިލީ ފަޅަށް މިހާރު ވައްދާފައިވާ ކަމަށެވެ.
"ދެ ފަރާތުގެ ބަނޑު ފިލައިން ކަނޑައިގެން ދިޔައީ. އެ ދެބައި އައްސައިގެން ދޯނި ކަފުޖެހީ. ފަށަނާއި މަތިނަކާއި ދެބައިގެ ބާރުގައި ދޯނި ވަކިނުކެ އޮތީ،" ޔޫސުބްބެ ބުންޏެވެ.
މަސްދުވެލި ދޯނީގައި ތިބި ބަންގްލަދޭޝްގެ މީހަކާ އެކު ދިވެހިންގެ 15 މީހުން ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޔޫސުބްބެ ބުންޏެވެ.
ވިނލިގިލީ ފަޅަށް އެ މަސްދޯނީ މިހާރު ވައްދާފައިވާ އިރު އެމްއެންޑީއެފާއި ކޯސްޓްގާޑުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.