ހއ. ހޯރަފުށީގައި އާއިލާއާ ޖެހުނު މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖަކު ހަތް ގަޑިއިރު ފަހުން ވަލުތެރޭގައި އިންދައި ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގެއްލިގެން އާއިލާ އިން ރިޕޯޓް ކުރި އެ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ރޭ ފަތިހުގެ 4 ޖަހާ އެހާކަންހާ އިރު ވަލުތެރެއިން ކަމަށާއި އެ ކުއްޖާ ގެއިން ނުކުމެގެން ދިޔަ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު މައުރޫފް މިއަދު ވިދާޅުވީ އެ ކުއްޖާއަކީ އެ ރަށު އުދަރެސް ފާތުމަތު ޝިފާ،16، ކަމަށާއި އެ ކުއްޖާ ގެއްލުނީ ރޭ ގާތްގަނޑަކަށް 9 ޖަހާ އެހާކަންހާ އިރު ކަމަށެވެ. އަދި އެ ކުއްޖާ ގެއިން ނުކުމެގެން ދިޔައީ އާއިލާއާ ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް އާއިލާ އިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ފުލުހުންނާއި އެމްއެންޑީއެފް އަދި ރަށު ކައުންސިލުން ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނުނީ އެކަނިމާ އެކަނި ވަލުތެރޭގައި އިންދައި. މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި،" މައުރޫފު ވިދާޅުވި އެވެ.

ފަހަކަށް އައިސް ކުޑަ ކުދިން ގެއިން ނުކުމެގެންދާ ފަހުން، ވީނުވީއެއް ނޭނގިގެން ރިޕޯޓް ކުރަމުންދާ މައްސަލަތައް ގިނަވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ ފުރާއުމުރުގެ އަންހެން ކުދިންނެވެ.