17 Dec 2012, 10:32
މެދުކެނޑުމަކަށް ފަހު އެމްޓީސީސީ އިން ހުޅުމާލެ އާއި މާލެއާ ދެމެދު ދެމުންދިޔަ ލޯންޗު ދަތުރުތަކުގެ ހިދުމަތް އަލުން ފަށައިފި އެވެ.
އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގް މިއަދު ވިދާޅުވީ މިއަދު އަލުން ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފެށި އިރު އެ ލޯންޗުތަކުގެ ކެޕްޓަނުންނަށާއި ފަޅުވެރިނަށް ތަފާތު ތަމްރީންތަކެއް ދީފައިވާނެ ކަމަށެވެ.
"ސަލާމަތީ ފިޔަވަޅު ރަނގަޅު ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު ރޭގަނޑު ހުޅުމާލޭ އެކްސްޕްރެސްގެ ހިދުމަތެއް ނުދެވޭނެ. ހުޅުމާލޭ އެކްސްޕްރެސްގެ ހިދުމަތް ފަށަނީ ކޮންމެ ދުވަހަކު ހެނދުނު 6:40ގައި. ނަމަވެސް ރޭގަނޑު ވެސް ހުޅުލެއަށް އެކްސްޕްރެސްގެ ހިދުމަތްދޭނެ،" ފާރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލުން ލޯންޗްގެ ހިދުމަތް ދޭން ފަށާފައިވާ އިރު މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ރޭގަނޑު 6:00ގެ ފަހުން ހުޅުމާލޭގެ އޮޕަރޭޝަން ހުއްޓާލުމުގެ އިތުރުން ލޯންޗްގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވެސް ލައިފްޖެކެޓް އަޅަން މަޖުބޫރު ކުރުން ހިމެނޭ ކަމަށެވެ.
އެމްޓީސީސީ އިން ހުޅުމާލެ އާއި މާލެއާ ދެމެދު ލޯންޗްގެ ދަތުރުތައް މެދުކަނޑާލާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހުޅުމާލޭ އެކްސްޕްރެސް ލޯންޗަކާއި ބަނޑޮސް އައިލެންޑް ރިސޯޓުން ޓޫރިސްޓުން ގޮވައިގެން ހުޅުލެ އަށް ދަތުރުކުރި ދެ ލޯންޗް ދޫނިދޫ ކައިރިން ޖެހި ހިނގި އެކްސިޑެންޓަކަށް ފަހު އެވެ. އެ އެކްސިޑެންޓްގައި ބަނޑޮސް ލޯންގައި އިން ޓޫރިސްޓެއް މަރުވެފައިވާ އިރު ދެ ލޯންޗްގައި ތިބި ގިނަ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.