ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ އިދާރީ ގޮތުން ގުޅުވާލެވޭ ރަށްތައް ސަރުކާރުން ކަނޑައަޅާފައިވަނީ އެ ރަށްރަށުގައި ހިނގާ ސިޔާސީ އޮއިވަރަށް ވިސްނާލުމެއްނެތިކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ތަސްމީން އަލީ، އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ އިދާރީ ގޮތުން އެއްކޮށްލެވޭ ރަށްތައް ކަނޑައެޅުމުގައި އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު އެއްވެސް ވަރަކަށް ނުހޯދާ މި ހިސާބަށް ކުރިޔަށް ގެންދިޔަކަމީ ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އިދާރީ ގޮތުން އެއްކޮށްލުމަށް ހުށަހަޅާފައިވާ ބައެއް ގްރޫޕްތަކުގައި ހިމެނޭ ރަށްރަށުގެ ސިޔާސީ މަޝްރަހު ކުޑަކޮށް ވެސް އެނގޭ ނަމަ އެރަށްރަށް އިދާރީ ގޮތުން ގުޅާލުމަށް އެ ރަށްރަށުގެ ރައްޔިތުން އެއްބަސްވުމަކީ މުސްތަޙީލް ކަމެއްކަން އެނގޭނެ ކަމަށް ވެސް ތަސްމީނު ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ ގޮތަކަށް ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ވޯޓަކަށް ދިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި މިމަސައްކަތުގެ ސަބަބުން މިހާރު ވެސް ބުރަ މަސައްކަތްތަކެއް ކުރިމަތިވެފައިވާ އިލެކްޝަންސް ކޮމިޝަނަށް ބޭކާރު އިތުރު ބުރަތަކަކާ ކުރިމަތިވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.


ތަސްމީން އަދި ވިދާޅުވެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ޅ. ހިންނަވަރާއި ފެލިވަރަކީ އެއް އިދާރީ ދާއިރާގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ފެލިވަރަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ރަށެއް ކަމުގައި ވީ ނަމަވެސް ފެލިވަރަކީ ރައްޔިތަކު އާބާދުވެ، ދިރިއުޅެމުންގެންދާ ރަށެއް ނޫންކަން ފާހަގަކުރައްވައި، މި ނެގޭ ވޯޓެއްގައި ފެލިވަރުން ވޯޓްލާނީ ކޮން ބައެއްތޯ ވެސް ތަސްމީން ސުވާލު ކުރައްވާފައިވެ އެވެ. އަދި މި ހުށަހެޅުމަކީ މުޅި ޅ. އަތޮޅުގެ ރައްޔިތުންނަށް ސިނާޢީ ގޮތުން މުހިންމު ރަށެއް ކަމަށްވާ ފެލިވަރު ހަމައެކަނި ހިންނަވަރުގެ ރައްޔިތުންނަށް ހަދިޔާކޮށް، ފެލިވަރުން ލިބޭ މަންފާ އަތޮޅުގެ އެހެން ރަޔިތުންގެ ކިބައިން ނިގުޅައިގަތުމަށް ހަދާފައިވާ ޑީލެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ. އަދި އިދާރީ ގޮތުން އެއްކޮށްލެވޭ ރަށްތައް ކަނޑައެޅުމުގައި އެއްވެސް ހަމަޖެހޭ އުޞޫލެއް ސަރުކާރުން ގެންގުޅެފައިނުވާކަން ހަމައެކަނި މި ދެންނެވި މިސާލުން ވެސް ދޭހަވާ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.


ތަސްމީނު ވިދާޅުވެފައި ވަނީ އިދާރީ ގޮތުން ރަށްތައް އެއްކޮލުމަށްފަހު ކާމިޔާބުކަމާއެކު އެކަން ކުރިޔަށް ނުގެންދެވިއްޖެނަމަ އެއްކޮށްލެވުނު ރަށްރަށުގެ ރައްޔިތުންނަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓެއް ލުމަށް ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅުމުގެ ކުރިން، އިދާރީގޮތުން އެއްކޮށްލެވޭ ރަށްރަށުގެ ރައްޔިތުންނަށް މިގެންނަ ބަދަލާ ގުޅޭ ފުރިހަމަ އަދި ތަފްޞީލް މަޢްލޫމާތު ދޭންޖެހޭނެ ކަމަށާއި، މިކަމުގެ ސަބަބުން އެބައިމީހުންގެ ދިރިއުޅުމަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ ކިޔައިދޭންޖެހޭނެ ކަމަށް ވެސް ތަސްމީނު ވިދާޅުވެފައިވެ އެވެ. އަދި މި ގެނެވޭ ބަދަލުތަކުގެ ސަބަބުން ކަނޑައެޅޭ ލޯކަލް ކައުންސިލްގެ އިންތިޚާބީ ދާއިރާއާ، މަޖިލީހުގެ އިންތިޚާބީ ދާއިރާގެ ރަށްރަށް ފުށުއަރައި ދާއިރާތަކުގެ މަސައްކަތްތައް ބަހާނީ ކިހިނެއްކަމާމެދު އުފެދޭ ސުވާލު ތަކަކީ، ރައްޔިތުންނަށް ޖަވާބުލިބެންޖެހޭ ސުވާލުތަކެއް ކަމަށް ވެސް ތަސްމީނު ވަނީ ވިދާޅުވެފަ އެވެ.


99 ރަށެށް 64 އިދާރީ ދާއިރާއަކަށް ބަހާލުމާމެދު އެ ދާއުރާތަކުގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުނެގުން އަންނަ މަހުގެ ނުވައެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.