17 Dec 2012, 10:13
ރ. ރަސްގެތީމް ކައުންސިލްގެ ނާއިބް ރައީސް އަލީ ހަމީދު ޕީޕީއެމްއަށް ސޮއިކުރައްވައިފި އެވެ.
ސަންއަށް މިއަދު ދެއްވި އިންޓަވިއުއެެއްގައި އަލީ ހަމީދު ވިދާޅުވީ ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގަތީ އެ ޕާޓީގައި އެއްވެސް ކުރިމަގެއް އޮތްކަމަށް ނުފެންނާތީ ކަމަށެވެ.
"ޑީއާރްޕީގައި އެއްވެސް ކުރިމަގެއް އޮތް ކަމަށް އަޅުގަނޑަށް ނުފެންނާތީ އަޅުގަނޑު ޕީޕީއެމްއާ ގުޅުނީ،" އަލީ ހަމީދު ވިދާޅުވި އެވެ.
ރޭ އެ ރަށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި އަލީ ހަމީދު ޕީޕީއެމްއަށް ސޮއިކުރައްވާފައިވާ އިރު އެ އަތޮޅު އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަބްދުއްރަހުމާނާއި އެ ކައުންސިލްގެ މެންބަރު ހަބީބާ އިދްރީސް ވެސް ވަނީ ޑީއާރްޕީ ދޫކުރައްވައި ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
އަލީ ހަމީދު ޕީޕީއެމް އަށް ސޮއިކުރެއްވުމާ އެކު އެ ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ މެމްބަރަކާއި ޑީއާރްޕީގެ ދެ މެންބަރުންނާއި އަދާލަތު ޕާޓީގެ މެންބަރެކެވެ.
ޕާޓީ ބަދަލުކުރިއަސް ކައުންސިލަރު ކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުން ޑީއާރުޕީ އަށް ނިސްބަތްވާ ގިނަ ކައުންސިލަރތުންތަކެއް ވަނީ އެ ޕާޓީ ދޫކޮށް ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.