17 Dec 2012, 09:57
ނ. ހޮޅުދު އަށް ރޭގެ ވަގުތެއްގައި އުދައަރައި އެ ރަށުގެ ދެގެއަކަށް ލޮނު ވަދެފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން ބުނެފި އެވެ.
ނ. ހޮޅުދޫ ކައުންސިލްގެ ރައީސް އަބުދުލްއަޒީޒް އިބްރާހިމް މިއަދު ވިދާޅުވީ ރޭ ދަންވަރު ގާތްގަނޑަކަށް 2:00 ކަންހާއިރު އެ ރަށުގެ އިރު އުތުރު ކަންމައްޗަށް 100 ވަރަކަށް ފޫޓަށް އުދައަރާފައިވާ ކަމަށާއި އެގޮތުން ދެ ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެ ދެ ގޭގެ ވެސް އެއްވެސް އެއްޗަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
"އެ ދެ ގެއަކީ މިހާރު ހަމަ މޫދުގެ ބައެއްހެން އިންނަ ދެ ގެ. އެހިސާބު ގިރުމުގެ ސަބަބުން އެ ދެގެ މިހާރު އިންނަނީ މޫދުގެ ތެރޭގައޭ ބުނާކަހަލަ ގޮތަކަށް. އެގޮތުން އެގޭ ތެރެއަށް ލޯނު ވަނަސް ޕްލާސްޓިކް ތަކެތި ހުރީމާ ގެއްލުމެއް ލިބިފައިނުވޭ،" އަޒީޒް ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިވަގުތަކީ ހިކި ދިޔައިގެ ވަގުތަކަށްވާތީ މިވަގުތު އުދަނާރާ ކަމަށާއި ނަމަވެސް މެންދުރު ފަހު ދިޔަވަރު ބޮޑުވާ ވަގުތު އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ޑިޒާސްޓާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.