ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތާގެ މުދަލަށް ގެއްލުން ދިންކަމަށް ތުހުމަތުކުރެވޭ ހަތަރު ކުދިންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު ކުދިންގެ ޝަރީއަތް މިއަދު ފަށާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައި ވަނީ ސިއްހީ މައްސަލައަކާ ހުރެ އެ މައްސަލަ ބައްލަވާ ގާޒީ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ ކަމަށެވެ.

"ސިއްހީ މައްސަލައަކާ ހުރެ އެ މައްސަލަ ބައްލަވާ ގާޒީ ކުއްލިގޮތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ވަނީ. އެހެންވެ އެ މައްސަލައިގެ ޝަރީއަތް ކެންސަލް ކުރަން ޖެހުނީ،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެއްސި އެ ޝަރީއަތް މިއަދަށް ފަސްކުރީ ދައުވާ ލިބޭ ކުދިންގެ ތެރެއިން އެކަކު ޖީސީއީ އޯލެވެލް އެގްޒާމިނޭޝަން ހަދަމުންދާތީ އެވެ.

ޓެރަރިޒަމްގެ ދައުވާ ލިބޭ އެ ހަތަރު ކުދިންގެ އުމުރަކީ 17 އަހަރު ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށްއެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުންތަކުގައި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށު ޕޮލިސްސްޓޭޝަނާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލްގެ އިދާރާގައި ވަނީ ހުޅުޖަހާ އަންދާލާފަ އެެވެ.

ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކާއި ޕޮލިސް ސްޓޭޝަންގެ ވެހިކަލްތަކުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.