ޑިމޮކްރަޓިކް ނިޒާމެއްގެ މައިގަނޑު ސިފައަކީ ބާރުތައް ވަކިވުމެވެ. ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ވަނީ އާ ގާނޫނު އަސާސީއާ އެކު ވަކިވެ މުޅިން މިނިވަންވެފަ އެވެ. އެއް ބާރުން އަނެއްބާރެއްގެ އިމުގެ ތެރެއަށް އަރައި ގަނެވޭނެ ގޮތްތަކާއި މިންގަނޑުތައް ވެސް ވަނީ ގާނޫނު އަސާސީގައި ކަނޑައެޅިފަ އެވެ. އެހެންއެކަން އޮތް ނަމަވެސް ޝަރުއީ ދާއިރާއާ މަޖިލީހުގެ ދެމެދުގައި އަބަދުވެސް ކޯޅުންހިނގަ އެވެ. މަޖިލީހުން ވެސް އެކި ފަހަރު އެކި ގޮތަށް އަމަލުކުރައްވާއިރު ޝަރުއީ ދާއިރާވެސް ހަމަ އެފަދަ އެވެ.

މަޖިލީހާއި ޝަރުއީ ދާއިރާއާ ދެމެދު މުޅިން އާ ކޯޅުމެއްގެ ސިލްސިލާ ވަނީ ފެށިފަ އެވެ. އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލައަކާ ގުޅިގެން މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން ދެ އަމުރެއް ނެރުނެވެ. ސިއްރު ވޯޓުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިޔުމުގެ އަމުރަކާއި އަދި ސިވިލް ސާވިސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް އިތުރު ބޭފުޅަކު އައްޔަން ކުރުމުގެ ކަންތައްތައް މަޑުޖައްސާލުމެވެ. އެ އަމުރުތަކާ އެކު ގާނޫނީ ގޮތުން ކުރެވޭ ބަހުސްތައް ވަނީ ގިނަވެފަ އެވެ. އެއްބަޔަކަށް ސުޕްރީމް ކޯޓު ރަނގަޅެވެ.

ސުޕްރީމް ކޯޓުން އަމުރުގެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ގާނޫނު އަސާސީގެ އެ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އަމުރުތައް ނެރުމުގެ ފުރިހަމަ ބާރުލިބިދެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ކުރެއްވި ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މިހާރު ނެރެފައިވާ ވަގުތީ ދެ އަމުރަކީ އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރެވޭނެ ދެ އަމުރު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ވަދެ މަޖިލީހުގެ ނިންމުތައް ބާތިލް ކުރެވިދާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އެ އަމުރު ކުރެވޭނެ ކަމަކަށް. ސުޕްރީމް ކޯޓުން އެ ނެރެފާ ކުރައްވާ މާއްދާގެ ހުދޫދުގެ ތެރެއަށް އެ އަމުރެއް ނުފެތޭ. މަޖިލީހުގެ ނިންމެވުމަކީ އިދާރީ ނިންމެވުމެއް ނޫން. އެކަން ގަބޫލު ކުރަން ވަރަށް ދަތި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެއްވޭ ކިތަންމެ ކަމެއް ސުޕްރީމް ކޯޓުން ކުރައްވަމުން ގެންދަވަނީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ސްޕްރީމް ކޯޓަށް ވަދެވަޑައިގެންނެވޭނެ ކަމަކަށް. ރައްޔިތުންގެ މަޖިލީހުގެ ނިންމުންތައް އެހެން ބާތީލް ކުރެވޭނެ ކަމަކަށް. ފަހަރެއްގައި ޑިކްލެރޭޓްރީ ޖަޖުމެންޓެއް ދެވިދާނެ. ޑިކްލެރޭޓްރީ ޖަޖުމެންޓަކީ ސުޕްރީމް ކޯޓުން ދެކެވަޑައިގަންނަވާ ގޮތެއް ވަކިކަމެއްގައި ފާޅުކުރުން. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ބައިންޑުވާ، ރައްޔިތުންގެ މަޖިލިސް އޭގެ މައްޗަށް ބަނދެވޭ ނިންމެވުމެއް ދެއްވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ދިޔާނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދިޔާނާ ވިދާޅުވީ މި ނިންމުމަކީ އޭނާ އަލަށް ނިންމަވާ ނިންމުވުމެއް ނޫން ކަމަށާއި 2009 ވަނަ އަހަރު އޭނާ ބަންޑާރަނައިބަކަށް ހުއްނަވަނިކޮށް ވެސް ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ހުށަހެޅުނު މައްސަލަ އެއް އޭނާ ދިފާއު ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުތައް ބަދަލު ކުރެވޭނެ ގޮތާއި ހަލަތްތައް ބަޔާން ކޮށްފައިވާ ކަމަށާއި އެހެން ކަމުން މިހާރު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރެފައިވާ އަމުރަކީ އެފަދަ ހާލަތެއްގައި ނެރެފައިވާ އަމުރެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ [ށ]ގައި ބަޔާން ކޮށްފައިވަ ގޮތަށް ބަލާއިރު އެ ދެ އަމުރު ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ދެ މައްސަލަ ބަލައި ގަތުމުގެ ބާރު ވެސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ސާފުވަނީ، ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) އިން. އެ މާއްދާގައި ބުނަނީ، 'މި ޤާނޫނު އަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ އެވެ.' މިހެން. އެހެންކަމުން، އެ އަމުރު ނެރުނު ދެ މައްސަލައިގައި، އަޅުގަނޑު ދަންނަވަންއޮތީ، އެ ދެ އަމުރު ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް. އަދި، ކީއްތޯ، އެ ދެ މައްސަލަ އެކޯޓުން ބަލައިގަތުމުގެ ބާރެއް ވެސް އެ ކޯޓަށް ލިބިގެންނުވާ ކަމަށް،" ނަޝީދު އޭނޭގެ ބްލޮގްގައި ވިދާޅުވެފައިވެ އެވެ.

އޭނާ އަދި ވަކާލާތު ކުރައްވާފައިވާ ގޮތުގައި މަޖިލީހަކީ ވަކި ހާލަތްތަކެއްގައި މެނުވީ ފުރިހަމަ އިމްތިޔާޒާއި ބާރު ލިބިގެންވާ މިނިވަން މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރަންޖެހޭ މަޖިލީހެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ނިންމުންތަކާއި މެންބަރުން މަޖިލީހުގައި އަމަލުކުރައްވާ ގޮތަކީ އެއަށް ފުރިހަމަ ރައްކާތެރިކަން ލިބިވަޑައިގަންނަވާ ކަންތައްތަކެއް ކަމަށް ވެސް ނަޝީދު ވަނީ ވަކާލާތު ކުރައްވައިފަ އެވެ.

"މާނައަކީ، މަޖިލީހަށް ފުރިހަމަ އިމްތިޔާޒް ލިބިދީފައިވާ ދާއިރާގެ ތެރޭގައި މަޖިލީހުން ކުރާ ކަންކަމަކީ، ކޯޓަކަށް ބެލޭނެ ކަންކަމެއް ނޫނޭ. އެއާމެދު ޗެލެންޖުކުރެވޭނެ، އިސްތިޢުނާފުކުރެވޭނެ، އެއާމެދު ތަޢުނުކުރެވޭނެ ކަންކަމެއް ނޫނޭ. މަޖިލީހުގެ ނިންމުމެއް މަޖިލީހުން ބަދަލުނުކުރާހާ ހިނދަކު، އެއީ، އެންމެފަހުގެ ނިންމުން. މަޖިލީހުގެ ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓަށް ދާންފަށައިފި ނަމަ، ދެން ސުޕްރީމް ކޯޓު ބަދަލުވެގެންދާނީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް، ރައްޔިތުންގެ
އިސްތިޢުނާފީ މަޖިލީހަކަށް." ނަޝީދު ވިދާޅުވަފައިވެ އެވެ.

މި މައްސަލާގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް ކަމަށާއި އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ސިޔާސީ ވެގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ސްޕްރީމް ކޯޓިން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރަކީ އެ ކޯޓަށް ނެރެވިދާނެ އަމުރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް. ސިޔާސީ ވިސްނުމުގައި ނިންމުންތައް ނިންމާ ތަނެއް. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ ސިޔާސީ ނިންމުން ތަކަކަށް ވާކަށް ނުޖެހޭ. މަޖިލީހުން ނިންމި ނިންމުމެއް ބާތިލްކޮށް ނޫނީ ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން މަޖިލީހުގެ މަސައްކަތް ހުޓުވާ އެއީ އެއްގޮތަކަށް ވެސް ސްޕްރީމް ކޯޓަށް ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑަށް ފާހަގަ ކުރެވެނީ މިހާރު ސުޕްރީމް ކޯޓް އެމީހުންގެ ޖުޑީޝަލް އެކްޓިވިޒަމް އެ މީހުންގެ ލިމިޓް ފަހަނައަޅާދާހެން އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އެ ވަކީލު އަދިވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގެ ނަތީޖާއެއްގެ ގޮތުން މަޖިލީހަށް މީހަކު ވަކި ކުރުމުން ނުވަތަ މަޖިލީހަށް ނިންމުމެއް ނިންމުމަށް ލިބިފައިވާ ބާރުތައް ހަނިވެ ސުޕްރީމް ކޯޓަކީ މަޖިލީހުގެ ކޮންމެ ނިންމުމެއް ބާތިލް ކުރާތަނަކަށް ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެއީ ގާނޫނީ ގޮތުން ބޮޑު ބަހުސެކެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ގާނޫނީ ބޭފުޅުން ހިތްހަމަޖެހިވަޑައި ނުގަންނަވަ އެވެ. އެއީ މަޖިލީހުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަތުން ކަމަށް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ. ނަމަވެސް އެއީ ދެކޮޅަށް ވެސް ވާހަކަ ދެއްކިދާނޭ މައްސަލަ އެކެވެ. ބާރުތަކުން ކޯޅުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލު އިސްކޮށް ބާރުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ހައްލުކުރަން މަޝްވަރާކުރުން މުހިންމެވެ.