17 Dec 2012, 09:20
ވިލާ އެއާއިން އޮޕްރޭޓްކުރާ ފުލައިމީ އަށް އިތުރު މަތިންދާ ބޯޓެއް މިފެށޭ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ވިދާޅުވީ އާ ބޯޓު ގެނައުމަށް ނިންމާފައި ވަނީ ދެ ބޮޓާ އެކު ގިނަ ދަތުރުތަކެއް ކުރަންޖެހޭތީ ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު އާ ބޯޓު ރާއްޖެ އަށް ގެނެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރު ގެންނަން ނިންމާފައި ވަނީ ATR-72 ޑޭޝް މަރުކާގެއް ބޯޓެއް ކަމަށެވެ.
"އަޅުގަނޑު މިހާރު މިގެންގުޅޭނީ އުމުރުން 10 އަހަރާއި 12 އަހަރާއި ދެމެދުގެ ދުވަސްވެފައި ހުރި ވަރަށް ރަނގަޅު މަރުކާގެ މަތިންދާބޯޓްތަކެއް، ނަމަވެސް މިފަހަރު އަޅުގަނޑުމެން މިހާރު މިގެންނަ ބޯޓަކީ އަޅުގަނޑުމެންގެ އޯޑަރަށް ފެކްޓްރީގައި ތައްޔާރުކުރެވިގެން މުޅިން އަލަށް ނެރޭ ބުރޭޑް ނިއު އެއަލައިނެއް،" ރިލްވާން ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިހާރު އެ ކުންފުނިން ބޭނުންކުރާ ދެ ބޯޓަކީ 46 ސީޓްގެ ދެ ބޯޓު ކަމަށާއި އަލަށް ގެންނަ ބޯޓުގައި 66 ސީޓް ހުންނާނެ ކަމަށެވެ.
ފުލައިމީ އިން އަލަށް ބޯޓެއް ގެންނަން ނިންމާފައިވާ އިރު އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގެ އެކި ހިސާބްތަކަށް ދަތުރުތަށް ކުރަމުންނެވެ. އޭގެ ތެރޭގައި ބ. ދަރަވަންދު އާއި އދ. މާމިގިލީގެ އިތުރުން ސ. ގަން ވެސް ހިމެނެ އެވެ.