16 Dec 2012, 22:32
ޤާނޫނު އަސާސީއާ ޚިލާފުވީމާ ލިބެންވާ އަދަބެއް ލިބެން ޖެހޭނެ ކަމަށާއި އެ އަދަބު ލިބެން ފެށީމާ ނުކުމެ، ޤައުމު ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއްވެސް މީހަކު އެ މީހެއްގެ އަމިއްލަ މަޞްލަޙަތު އޮންނަ ކަމެއްގައި އެ މީހަކު ބޭނުންވާ ގޮތަށް ކަންތައްތައް ނުވީމާ ދެން ނުކުމެ ޤައުމު ހަލާކުކޮށްލަން ދިމާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އެތަން މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އެބަދާކަން ބަޔާން ކުރައްވައި އެ މީހަކު ބޭނުންވާ މަޝްރޫޢެއްގެ ކަންތައް ހަމަނުޖެހުނީމާ ނުވަތަ ބޭނުންވާ ފަޅުރަށެއް ނުލިބުނީމާ، ނުވަތަ ކޮންމެ ވެސް އެހެން ޢިނާޔަތެއްގެ ކަންތައް ހަމަނުޖެހުނީމާ، ދެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް އެއްޗެހި ކިޔައި ފަނޑިޔާރުންނާ ދިމާއަށް އެއްޗެހި ކިޔައި މުޅި ޤައުމު ހަލާކު ކޮށްލުމަށް ޓަކައި މަސައްކަތް ކުރުމަކީ، ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަށް އަޅުގަނޑުމެން ތަންދީގެން ނުވާނެ ކަމަށާއި އެކަންކަމަށް ތަންދީ ބަލަހައްޓައިގެން ތިބުމަކީ ހަމައެކަނި އެކަން ކުރާ މީހެއްގެ ޙައްގުތައް ބެލެހެއްޓުން ނޫން ކަމަށާއި އެއީ އެންމެންގެ ޙައްގުތައް ނިގުޅައިގަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤާނޫނުގެ ބާރު ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ހުރިހާ މުއައްސަސާތަކުން ބަރާބަރަށް ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
"ޤައުމުގައި ޢަދުލު އިންޞާފު ޤާއިމު ނުކުރެވުނީމާ، ޤާނޫނުގެ ބާރު ނުހިންގުނީމާ، ދެން ދޫވަމުން ދޫވަމުން ދޫވަމުން ގޮސް، އެންމެ ފަހުން ޖަންގަލީގެ އުޞޫލަށް ކަން ބަދަލުވެގެންދާނީ. ގަދަފަދަ މީހާ، ބަލިމީހާ ބަލިކޮށްލައިގެން، އަޑުގަދަމީހާ އަޑުއުފުލައިގެން، އެހެން މީހުންގެ މައްޗަށް ވެރިވެގަނެގެން އުޅޭ ނިޒާމަކަށް ތަން ބަދަލުވެގެން ދާނީ. އެފުރްޞަތު އަޅުގަނޑުމެން ދީގެން ނުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަށް ޓަކައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުމަކީ، ޚާއްޞަކޮށް ދައުލަތް ހިންގުމަށް ޓަކައި، އެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ ހުރިހާ މުއައްސަސާތަކުން ބަރާބަރަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. މިހުރިހާ މުއައްސަސާތަކުން އެބަޔަކު ކުރަން ޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރަންޖެހޭ ކަމަށާއި މިއަދު އަޅުގަނޑުމެންނަށް ދެން ދޫކުރެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީހުންނާ ދިމާއަށް އެއްޗެތި ގޮވައި، އަޑުގަދަކޮށް ހެދުމަކީ، މާމޮޅު ކަމެއް ކަމަށް ބައެއް ޒުވާނުންނަށް ހީވެދާނެ ކަމަށާއި އެހެން ނަމަވެސް ޤައުމުގައި ތިބި އެންމެ ފުންނާބު އުސް މީސްމީހުން، ސިޔާސީ ސަބަބުތަކަށް ޓަކައި މަރަން ފެށީމާ، ޒުވާނުން ވެސް އެބަ ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިގައުމަށް ދެރަ ދުވަހެއް އައުމުން، އޭގެ އަސަރު ކުރާނީ ހަމައެކަނި ދުވަސްވީ މީހުންނަކަށް ނޫން. ކުޑަކުދިންނަކަށް ނޫން. ނޫނީ އަންހެނުންނަކަށް ވެސް ނޫން. ހުރިހާ ޒުވާނުންނަށް ވެސް ހަމަ އެ އަސަރު ކުރާނެ. ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލީމާ، ކާކަށްތޯ ދެރަވާނީ. ހަމަ ރިޒޯޓްތަކުގައި މަސައްކަތް ކުރަން އުޅޭ ޒުވާނުންގެ ވަޒީފާތައް ގެއްލިގެންދާނެ. ދިވެހިރާއްޖޭގެ މަސް އެކްސްޕޯޓް ނުކުރެވުނީމަ، ކާކަށްތޯ ދެރަވާނީ. ހަމަ ޒުވާނުންނަށް ދެރަވާނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.