ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރެވޭ ވަރުގެ ހެކި ހުރިކަން ހާމަވެއްޖެ އެވެ.

އެކަންހާމަވެފައި ވަނީ ޖާވިދުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމުން އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުންނެވެ.

ހައިކޯޓުގެ ހުކުމްގައި ބުނަނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އަމުރުކޮށްފައި ވަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތް ކުރާއިރު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރެވޭ ވަރުގެ ހެކި ހުރުމުން ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި ވާގޮތުން އަފްރާޝީމް މަރާލިކަމަށް ބެލެވެނީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު 1:40 އެހާކަންހާއިރު އެވެ. އަދި އެ ހުކުމްގައި ވާގޮތުން ފުލުހުން ޖާވިދު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ ތޫނު ހަތިޔާރުން ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމުގައި އޭނާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ވަރަށް އިހާނެތިގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލާފައި ވާތީ މުޖުތަމައުގެ ފަރުދުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާއިރު އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުން އެނގެން އޮންނަ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި ވާގޮތުން އޭނާއާ ދެކޮޅަށް ފުލުހުންގެ ތަހުގީގަށް ބަޔަކު ބަޔާންދީފައިވާއިރު އެހެން މީހަކާއި ޖާވިދާއި ދެމެދު ކުރެވިފައިވާ ފޯންކޯލްގެ ރެކޯޑިންއެއް ވެސް ފުލުހުންނަށް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ހެކިތަކުގެ ތަފްސީލެއް ހައިކޯޓުގެ ހުކުމުން އެނގެން ނެތެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އަފްރާޝީމް މަރާލި ވަގުތު އެގޭ ކައިރީ ފާރައަށް ހުރި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ފުލުހުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މާލޭގެ ގޭންގު ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ. އަދި އެކަމަށް ފައިސާ ޚަރަދުކުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް އެންމެ ފަހުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ސިފައިންގެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ވަނަވަރު އަދި އެނގިފައެއް ނުވެއެވެ.