16 Dec 2012, 19:22
ޖަޕާނުގެ ޔޮކޮހާމާ ގައި މިއަދު ކުޅެވުނު ފީފާ ކުލަބް ވޯލްޑް ކަޕް ފައިނަލު މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ އެކެއް ސުމަކުން ބަލިކޮށް ކޮޕާ ލިބަޓާޑޮރެސްގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްގެ ކޮރިންތިއާންސް އިން މުބާރާތުގެ ތަށި ކާމިޔާބު ކޮށްފި އެވެ.
މިއަދު ކުޅުނު ފައިނަލުމެޗުގައި ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ކޮރިންތިއާންސް އަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ ޕެރޫގެ ފޯވަޑް ޕައޮލޯ ގުއެރެރޯ އެވެ. ޗެލްސީގެ ކީޕަރު ޕެޓަ ޗެކް ބޯޅަ ދިފާއުކުރަން ކުރިއަށް އެރި ވަގުތު ޑެނީލޯ ފޮނުވާލި ބޯޅަ ކުޅުންތެރިންގެ ތެރެއިން ފުރޭނިގެން ދިޔަވަގުތު ގުއެރެރޯ ބޮލުންޖަހާ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި އެވެ.
މިއަދުގެ މެޗުން ބަލިވުމުން ޔޫރަޕްގެ ޗެމްޕިއަން ކަންހޯދުމަށް ފަހު އެމުބާރާތުގެ ގުރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ޓީމުގެ ނަން ބޮލުގައި އެޅިފައިވާ ޗެލްސީ އަށް ވަނީ އިތުރު ހިތްދަތި ކަމަކާ ކުރިމަވެފަ އެވެ. އަދި ކޯޗު ރަފައެލް ބެނިޓޭޒްއަށް ޗެލްސީ އާކު ތައްޓެއް ހޯދުމަށް ލިބުނު ފުރަތަމަ ފުރުސަތުވެސް ބޭނުން ނުހިފި ދިޔައީ އެވެ.
މިއަދު ގެ މެޗުގައި ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމަށް ނުރައްކާތެރި ހަމަލާތަކެއް ކުރިމަތި ކުރުވާފަ އެވެ. ޗެލްސީ އިން ކޮރިންތިއާންސް ކޮޅަށް 14 ހަމަލާ އުފެއްދި އިރު އޭގެތެރެއިން 9 ހަމަލާ ވަނީ ގޯލަށް އަމާޒު ކޮށްފަ އެވެ. އަދި ކޮރިންތިއާންސް އިން ވަނީ ޗެލްސީގެ ކޮޅަށް 10 ހަމަލާ ފޮނުވާލައި އޭގެތެރެއިން ހަތަރު ހަމަލާ ގޯލަށް އަމާޒުކޮށް އެއް ހަމަލާ ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ އެންމެ ފަހު މިނިޓުގައި ޗެލްސީގެ ސެންޓަ ބެކް ގެރީ ކޭހިލް އަށްވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ފަހުހާފު ގައި ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި ނުކުތް އޮސްކާ މަތިން ފޮނުވާލި ބޯޅަ ފެނާންޑޯ ޓޮރޭޒް ވަނީ ބޮލުންޖަހައި ކޮރިންތިއާންސް ގޯލް ތެރެއަށް ވައްދާލާފަ އެވެ. އެހެން ނަމަވެސް ޗެލްސީއަށް ފަހުވަގުތުގައި ލިބުނު އުއްމީދުވެސް ފެނަށް ދިޔައީ ޓޮރޭޒް ގެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ނިންމުމުން ނެވެ.
ކޮރިންތިއާންސް ފީފާ ކުލަބު ވޯލްޑްކަޕްގެ ޓްރޮފީ މިފަހަރު ހޯދުމުން އެޓީމް ވެގެން ގޮސްފައި ވަނީ ދެކުނު އެމެރިކާގެ ޓީމަކުން މި ތަށި ދެފަހަރު ކާމިޔާބު ކުރި ހަމަ އެކަނި ޓީމު ކަމަށެވެ. އެޓީމު ވަނީ 2000 ވަނަ އަހަރުގެ ފީފާ ކުލަބު ވޯލްޑްކަޕްގެ ޗެމްޕިއަން ހޯދާފަ އެވެ.