މޫސުން ތަން ނުދީގެން ފަސްކޮށްފައިވާ "ގަންނާނެއްބާ ސަރުކާރު" މުޒާހަރާ ބާއްވާނެ ތާރީޚެއް އިއުލާންކުރާނީ މޫސުމް ރަނގަޅުވާނެ ދުވަހެއް ބެލުމަށް ފަހު ކަމަށް އެ މުޒާހަރާ އިންތިޒާމްކުރައްވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


ރޭ މުޒާހަރާ ބާއްވާ ގޮތަށް ހަމަޖައްސައި، އިއުލާނުކޮށްފައި ވަނިކޮށް މޫސުމް ގޯސްވެ ވާރޭ ވެހެން ފެށުމުން މުޒާހަރާ ވަނީ ކުއްލިއަކަށް ކެންސަލްކޮށްފައެވެ.


ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހުމަދު އިސްނަންގަވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މުޒާހަރާއާ ބެހޭ ގޮތުން އުމަރު ނަސީރު ވިދާޅުވީ މުޅި މުޒާހަރާ ބިނާވެފައި އޮންނާނީ ސަރުކާރުން ގައުމުގެ ހަރު މުދާތައް ވިއްކަމުންދާ ދިއުމާ ދެކޮޅަށް ހަރުކޮށް އަޑު އުފުލުމަށް ކަމަށެވެ. އުމަރު ވިދާޅުވީ ފަސް ވަނަ އަހަރަށް މުޒަހަރާ ފަސްކުރި ނަމަވެސް މޫސުން އަލިވުމުން މުޒާހަރާ ބާއްވާނެ ވަކި ދުވަހެއް އިއުލާންކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ސިލްސިލާ މުޒާހަރާތައް ބާއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.


ޑީއާރްޕީން ރާވައިގެން މިރޭ ބާއްވަން ހަމަޖެހިފައި އޮތް މުޒާހިރާ ވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ފަސްކޮށްފައެވެ. ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ މޫސުން ރަނގަޅު ނަމަ އެ މުޒާހަރާ ބާއްވާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ.