އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މެންދުރު 1:30 ގައި ސ. ގަމަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ފްލައި މީގެ ފްލައިޓަށް ދިމާވި މައްސަލައަކީ އޮއިލް ލީކްއަކުން އާދަޔާހިލާފަށް އިންޖީނަށް ތެޔޮ ލީކްވެގެން ދިމާވި މައްސަލައެއް ކަމަށް ވިލާ އެއާލައިންނުން ބުނެފި އެވެ.

ފްލައިމީ ފުލައިޓަށް ދިމާވި މައްސަލައާ ގުޅިގެން އެފުލައިޓް އޮޕްރޭޓްކުރާ ވިލާ އެއާގެ މެނޭޖިން ޑިރެކްޓާ ރިލްވާން ޝަރީފް މިއަދު ވިދާޅުވީ މިއަދު މެންދުރު ގަމަށް ފުރުމަށް ރެޑީކޮށްފައި އޮތް ފްލައިމީގެ ފުލައިޓަށް ދިމާވި މައްސަލައަކީ އާދަޔާހިލާފަށް އިންޖީނަށް ތެޔޮ ލީކްވެ އިންޖީނުގެ ބޭރަށްވެސް ތެޔޮ އެޅިގެން އިންޖީނުން ދުންނިކުމެ ސުމޯކް އެލާމް އެޅުމުން ދިމާވި މައްސަލައެއް ކަމަށެވެ.

"މިއިންސިޑެންސްގައި އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ ނުރައްކާތެރި ހާދިސާއެއް ދިމާވާކަހަލަ ކަމެއް ދިމައެއްނުވޭ، ކުޑަކޮށް ފަސިންޖަރުން ޖެހިލުންވާ ކަމެއް ކަމުގައިވިޔަސްވެސް އެއާލައިންގެ މޭރުމުން ވާހަކަދައްކާނަމަ މިއަދަކީ އެމެޖެންސީ އިވެކްއޭޝަނެއްވެސް ނޫން ހަމަ އިންސިޑެންސްއަކާ ދިމާވުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފަސިންޖަރުން ބޭލީ،" ރިލްވާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެފުލައިޓަށް އެހެންދިމާވުމުން މާމިގިލީ ގައި އޮތް އެކުންފުނީގެ އަނެއް އެއާކުރާފްޓް ގެނެސް އެ 45 ފަސިންޖަރުން ގަމަށް ފުރުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އިންޖީނަށް ދިމާވުމުން އިތުރަށް އެއިންޖީނު ބޭނުންނުކޮށް ޖަރުމަނުގައި ހުންނަ އެކުންފުނީގެ ރިޕެއާސެންޓަރުން މިއަންނަ އަންގާރަދުވަހު އާ އިންޖީނެއްގެނެސް ދަތުރުތަށް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ސެޑިއުލްގައި ހުރި ދަތުރުތައް ކެންސަލް ވާނެތޯ ސަންއިން ސުވާލުކުރުމުން ރިލްވާން ވިދާޅުވީ މިހާރު ޝެޑިއުލްގައި ހުރި ގޮތަށް ދަތުރުތަށް ކެންސަލް ނުވެ ކުރިއަށްގެންދެވޭނެ ކަމަށާއި އަދި ދަތުރުތައް ކެންސަލް ކުރަންޖެހިއްޖެނަމަ އެހެން އެއާލައިންތަކާއި ސީޕްލޭން މެދުވެރިކޮށް އެދަތުރުތައް ކުރާނެ ކަމަށެވެ.

ފްލައި މީގެ ފްލައިޓްގެ އިންޖީނަށް ދިމާވި އެ މައްސަލައާ ގުޅިގެން ރަންވޭ އަށް ކޮންމެ ވެސް ވަރަކަށް ތެޔޮ އެޅުނު ކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެއާޕޯޓްގެ ރަންވޭ ގާތްގަނޑަކަށް 15 ވަނަރަކަށް މިނެޓަށް ބަންދުކުރި އެވެ.